އަހުރެމެންގެ ތިބެނީ ދެބެއިންނެވެ. އަހުރެންގެ ޢުމުރަކީ 24 އަހަރެވެ. ކޮއްކޮގެ ޢުމުރަކީ 22 އަހަރެވެ. ހުރިހާ ކަމެއްގައިވެސް އުޅެނީ ވަރަށް އެކުވެރިކަމާއިއެކުގައެވެ. އެހެންކަމުން އެއްބަނޑު އެއްބަފާކަމުގެ ގުޅުމުގެ އިތުރުން އެންމެ ގާތް އެކުވެރިންގެ ގުޅުންވެސް އޮވެއެވެ.
ކޮއްކޮ އަންހެނަކު ދެކެ ލޯބިވެ ޗެތްކުރަމުން ގޮސް ކައިވެނިކުރާ ހިސާބަށް ކަންކަން ގެންގޮސްފައި ބައްދަލުކުރަންދިއަރޭ ދިއައީ އަހުރެންވެސް ގޮވައިގެންނެވެ. އަންހެން ކުއްޖާއަކީ އެކްސިޑެންޓެއްވެ ފަޔަށް ދިމާވި މައްސަލައެއްގައި ނުހިނގޭތީ ފުރޮޅުލީ ގޮނޑިއެއްގަ އިންނަ ކުއްޖަކުކަން އެނގުނީ އެރޭ ބައްދަލުވުމުންނެވެ.
3 މީހުން ވާހަކަދައްކަން ތިބެފައި ކޮއްކޮ މެސެޖެއްކޮށްފައި ބުނީ މިޙާލުގަ އިންނަ ކުއްޖަކާ ކައިވެނިނުކުރާނެ ކަމަށެވެ. އެހެންވެ ދާން ބޭނުންވާ ކަމަށެވެ. ޖަވާބުގައި އަހުރެން ބުނީ ކޮއްކޮ ދިއުމަށެވެ. އަހުރެން މަޑުކޮށްލާނީ ކަމަށެވެ.
ކޮއްކޮ ތެދުވެގެން ދިއުމުން ދިއަ ސަބަބާއިމެދު އޭނާ ސުވާލުކުރުމުން އެއްވެސް ދޮގެއް ނުހަދައި ތެދަށް ބުނުމުން ވަޤުތުން އޭނާއަށް ރޮވެން ފެށިއެވެ. ރޮމުން ބުންޏެވެ. "އަހުރެން ރީތިވެގެން ކައިވެނިކުރަން ބޭނުންވެގެން އަންނަ މީހުންނަށް އަހުރެންގެ ފައި ފެންނައިރަށް ނުކުމެގެންދަނީ ކީއްވެގެން ކަމެއް ނުއެނގެއެވެ. މިގޮނޑީގައި އިނދެގެންވެސް ގޭގެ ހުރިހާ މަސައްކަތެއް ކުރަމެވެ. މަންމަޢާއި ބައްޕައަށްވެސް ކަންކަން ކޮށްދެމެވެ. އެހެންވީއިރު ފިރިއަކަށް ކަންކަން ކޮށްނުދެވެންވީ ކީއްވެގެން ހެއްޔެވެ؟"
އަހުރެން ބުނީމެވެ. "ރުއިން ހުއްޓައިލާށެވެ! ކޮއްކޮއަށްވުރެ ދޮށީ 2 އަހަރެވެ. އަދި ކައިވެންޏެއްވެސް ނުކުރަމެވެ. ދެބެއިންގެ ސިފަވެސް ވަރަށް އެއްގޮތް ނޫން ހެއްޔެވެ؟ ލޯބިވެގެން ނުތިބެ ކައިވެނިކުރަން އެއްބަސްވެއްޖެނަމަ އަހުރެން މިހުރީ މާދަމާވެސް ކައިވެނިކުރާށެވެ!" އަހުރެންނަށް އެެހން ބުނެވުނީ އޭނާގެ ސިފައަށް ނުވަތަ ޢާއިލީ ފެންވަރަށް ބަލައިގެނެއް ނޫނެވެ. އޭނާގެ ލޮލުން ކަރުނަ އޮހޮރަމުން ދެއްކި ވާހަކަތައް އަޑުއަހާފައި ކުރި އަސަރުންނެވެ.
އޭނާ ވަޤުތުން އެއްބަސްވުމުން ފޯމުލައިގެން 2،3 ދުވަހެއްގެ ތެރޭގައި ކައިވެނިކުރެވުނެވެ. އެއިރު އަހުރެންގެ މުސާރައަކީ މަހަކު 16،000 ރުފިޔާއެވެ. 6 މަސްވެސް ނުވަނީސް ޑަބަލް ޕްމޯޝަން ލިބި މަހަކު 30،000 ރުފިޔާ ލިބެން ފަށައިފިއެވެ. ފައިސާކޮޅެއް ޖަމާވީމާ ފުރަތަމަ ކަމަކަށްވެސް އަނބިމީހާ ގޮވައިގެން ދިއައީ މެލޭސިޔާއަށެވެ. އެކުވެރިއަކު ދިން ދަޢުވަތަކަށެވެ.
މަހެއްހައި ދުވަހު ތިބެގެން ކުރި ފަރުވާއިން ޝިފާ ލިބި އެނބުރި ރާއްޖެއައީ ފުރޮޅުލީ ގޮނޑިއަކު ނޫނެވެ. އަސައެއް އެހީގައެވެ. އައިތާ 3 މަސްވަރު ތެރޭ އަސާވެސް ދޫކޮށްލެވިއްޖެއެވެ. ކައިވެންޏަށް މިހާރު 7 އަހަރެވެ. 2 ދަރިން އެބަތިއްބެވެ. އަނބިމީހާއަށްވުރެ ވަކިން ރަނގަޅު އަންތބަކު މީހަކަށް ލިބޭނެކަމަށް ޤަބޫލުކުރަން އުނދަގުލެވެ.
މާލީ ޙާލަތުވެސް ބުނެލާނަމެވެ. އަނބިމީހާގެ ބޭބެއެއްގެ އެހީއެއްގައި ފިހާރައެއް ހުޅުވައި މިހާރު މިއުޅެނީ ހަމަ ފުދިގެންނެވެ. ވީމާ އަޅުގަނޑު ބުނެލަން ބޭނުންވަނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ ކައިވެނި ނުކުރަން އޮތް ސަބަބަކަށް ނުހަދާށެވެ! ﷲ އަށްޓަކައި ލޯބިވެ ކައިވެނިކޮށްފިނަމަ އުފާވެރި ދިރިއުޅުމެއް ލިބޭނެއެވެ. އިން ޝާ ﷲ
- ނަފީސް / މިއަދުނޫހުގެ ކިޔުންތެރިއެއް