އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވެފައިވަނީ ކޮންމެ މުދައްރިސަކީވެސް ދަރިވަރުންނަށް މައިންބަފައިންނާއި ބެލެނިވެރިންގެ ދައުރު އަދާކުރައްވާ ބޭފުޅުން ކަމަށެވެ. އަދި އެއްޖީލުން އަނެއްޖީލަށް ޢިލްމާއި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށްވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
"މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މީގެއިތުރުން، ހެޔޮލަފާ އަދި ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދިވަޑައިގެން ދުޢާކުރައްވާ، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާވެސް އެކަމަނާ ވަނީ އަރިސްކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، 1994 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ މުދައްރިސުންގެ އަގުވަޒަންކޮށް، އެ ބޭފުޅުންގެ މަސައްކަތަށް ޝުކުރު އަދާކުރުމަށް ޚާއްސަކުރެވިފައިވާ ދުވަހެކެވެ.