4000 ފުލެޓުގެ ތެރެއިން 62 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
4000 ފުލެޓުގެ ތެރެއިން 62 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓުގެ ތެރެއިން މިހާތަނަށް 62 މީހަކަށް ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން، އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރަމުންދަނީ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ ފުލެޓުތަކެވެ.

އެފްޑީސީން ވިދާޅުވެފައިވާ ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ފުލެޓު ލިބޭ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ޑިސެންބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ. މިހާތަނަށް ފުލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި 3،160 އަށްވުރެ ގިނަ ފަރާތްތަކާއެކު ވަނީ ސޮއިކޮށްފައެވެ.

ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަނީ އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ. މިގޮތުން މިހާތަނަށް ގާތްގަނޑަކަށް 1000 އެއްހާ ފަރާތަކުން ވަނީ ފުލެޓަށް ޑިޕޮސިޓު ދައްކާފައެވެ. ސަރުކާރުން ކަނޑައަޅުއްވާފައިވާ ގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓުތަކަށް 15،000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް 25،000 ރުފިޔާ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހެއެވެ.

ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފަށާފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ދޫކުރެވޭ ފުލެޓުތަކަކީ ގިނަ ރައްޔިތުންތަކެއްގެ ގެދޮރުވެރިކަމުގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދޭނެ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން