ރިވެތި ޚުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ތަޢުލީމީ ވަޒީރު ފޮނުއްވެވި ވީޑިއޯ މެސެޖްގައި، މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިން ކަމަށް ވިދާޅުވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީވެސް މުދައްރިސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް،" ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަކީ "ރީކާސްޓިންގ ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އެވެ. މި ޝިއާރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް، މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވައި، އުނގަންނައިދިނުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
އަދި މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމާއި ކުރިއެރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.