ނައިފަރުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ނައިފަރުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ޅ. ނައިފަރުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު ކުރިއެރުމެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ޕާސްޕޯޓުގެ ޚިދުމަތް ނުފެށި އޮތީ އެންމެ އަތޮޅެއްގައެވެ. އެއީ އދ. އަތޮޅުކަމަށާއި، އެ އަތޮޅުގައި މި ޚިދުމަތް ޤާއިމްކުރެވޭނީ މަހިބަދޫގައި ކަމަށް އެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު ވަނީ މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙް ކުރެވިފައެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައިވާ، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ވަޢުދުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޚިދުމަތް ފެށުމާއެކު، ނައިފަރު އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާ ގުޅޭ އެންމެހައި ޚިދުމަތްތައް ލިބިގެންދާނެއެވެ. މީގެ ތެރޭގައި އައު ޕާސްޕޯޓު ހެއްދުމާއި، ޕާސްޕޯޓު އައުކުރުން ފަދަ އެންމެހައި ޚިދުމަތްތައް ހިމެނެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިތުރަށް ފާހަގަކުރައްވާފައިވަނީ، އދ. އަތޮޅުގައި މި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތްވެސް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އެހެންކަމުން، ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް މި ޚިދުމަތް ލިބެން ފަށާނެއެވެ.

މިއަދު އޮންލައިން