އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް މިމަހުގެ 15ގެ ކުރިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް އެސްޓީއޯއިން މިއަދު ހާމަކޮށްފިއެވެ.
އެސްޓީއޯއިން ދައުލަތުގެ މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، މިހާރު ވަނީ އިތުރަށް ނެރުމަށް ހަމަޖެހިފައިވާ ބާވަތްތައް އޯޑަރު ކުރެވިފައެވެ. އަދި ކަނޑައެޅިފައިވާ ތާރީޚަށް މި ބާވަތްތައް ބާޒާރަށް ނެރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއްވާފައިވެއެވެ.
މިވަގުތު އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރަމުން ގެންދަނީ ކާޑުގެ ބާވަތްތަކެވެ. ނަމަވެސް ބާޒާރުގައި އަގުތައް ހިފެހެއްޓުމަށްޓަކައި، ސަރުކާރުން ވަނީ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ނިންމާފައެވެ.
އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށިވެސް އަސާސީ ކާބޯތަކެތީގެ ގޮތުގައި ހިމަނާފައެވެ. މި ނިންމުމާ އެއްގޮތަށް އެސްޓީއޯ މެދުވެރިކޮށް މި ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން، ބާޒާރުގައި އެތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާ އާއި ތަރުކާރީ ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.