ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް، އެމްއެންއެސްޑީއޭގައި ރަޖިސްޓަރީކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް، އެމްއެންއެސްޑީއޭގައި ރަޖިސްޓަރީކޮށްފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ރަޖިސްޓަރީކޮށްފިއެވެ.

އިންސްޓިޓިއުޓް ރަޖިސްޓްރޭޝަން ސެޓުފިކެޓު ހަވާލުކުރުމަށް އެމްއެންއެސްޑީއޭގައި ބޭއްވި ހަފްލާގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑިޒްގެ ފަރާތުން ސެޓުފިކެޓާއި ހަވާލުވެލެއްވީ ސްޕްރިންޓެންޑެންޓް އިބްރާހިމް ނާޝިދެވެ.

ދިގު މުއްދަތަށް ޖަލުގައި ހޭދަކުރާ ގައިދީންނަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދަކީ، ޖަލުގައި ދަސްކޮށްދޭ އެކި މަސައްކަތްތެރިކަމުގެ ހުނަރު ބިނާކުރުމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ ގައިދީންނަކީ ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ އަދި ނޭޝަނަލް ސެޓުފިކެޓު ހާސިލުކޮށްފައިވާ ބަޔަކަށް ހެދުމެވެ.

ވޮކޭޝަނަލް ތަމްރީނު ޕްރޮގްރާމްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް https://www.mnsda.gov.mv/ އަށް ޒިޔާރަތްކުރެއްވުން އެދެމެވެ.

މިއަދު އޮންލައިން