ބިދޭސީންނާ ގުޅޭ ޖޫރިމަނާއާއި ފީތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދެން ނުލިބޭނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، 2024 ސެޕްޓެމްބަރު 1 ގައި ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، އެ ވުޒާރާއިން ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި 68,000 ވަޒީފާދޭ ފަރާތް ރަޖިސްޓްރީވެފައިވާއިރު، ގަވައިދުން ފީތައް ދައްކަމުން ދަނީ އެންމެ 7,900 އެއްހާ ފަރާތުންނެވެ. އަދި ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8,000 އަށްވުރެ ގިނަ ފަރާތް، އެކްސްޕެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ފާއިތުވެދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުޞަތު ދެން ނުދޭނެކަމަށް އެ ވުޒާރާއިން ވަނީ އިންޒާރު ދެއްވާފައެވެ.
ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާތަނަށް ރާއްޖޭގައި ދިރިއުޅެމުންދާ 177,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގިފައިވާކަން ފާހަގަކުރެވެއެވެ. އަދި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.