އެއްތަނެއްގައި ތިބި މީހުންގެ ނަމަކީ ތަނަވަސްކަން، ކާމިޔާބު އަދި ލޯތްބެވެ. އެ 3 މީހުންކުރެން ތިބާ އިސްކަންދޭނީ ކާކަށްހެއްޔެވެ؟ އެދެނީ މިލިޔުމުގައިވާ ވާހަކަކޮޅު ކިޔައިލުމުގެ ކުރިން ކޮންމެ ކިޔުންތެރިއަކުވެސް އަމިއްލަ ނަފުސަށް ޖަވާބުދީފައި ކިޔަން ފެށުމެވެ.
ލިޔުން ކިޔައިލުމުން އިސްކަންދޭން އެންމެ ފައިދާހުރި މީހާ އެނގޭނެއެވެ. ތިމާގެ ޖަވާބާއި ދިމާވެއްޖެނަމަ މަރުޙަބާއެވެ. ޖަވާބު ދިމާކުރެއްވިއްޖެނަމަ ލިޔުމަށް މިއަދުނޫހުގެ އެފްބީ ޕޭޖްގައި ކޮމެންޓްކުރައްވާށެވެ! ކޮމެންޓްކުރައްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް 400 ރުފިޔާގެ އިނާމެއް ލިބިލައްވާނެއެވެ. އެއީ ބައިވެރިޔާއާއިއެކު ނުވަތަ ލޯބިވެރިޔާއާއިއެކު ފަރިއްކޮޅަކަށް ވަޑައިގަތުމަށެވެ. އިނާމު ލިބިލައްވާނީ އަންގާރަ ދުވަހުގެ ރޭގެ 12 ޖެހުމުގެ ކުރިން ޖަވާބު ދެއްވާ ކިޔުންތެރިންގެ ތެރެއިން ކިޔުންތެރިއަކަށެވެ.
ލިޔުން:
ލޯބި ނުލިބިގެން ގިނަބައަކު ޝަކުވާކުރަމުން އަންނައިރު ލޯބީގެ އަގު ވަޒަންކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ލޯތްބަށް ދޭންޖެހޭ ޙައްޤު ޤަދަރު އެބަދެވޭ ހެއްޔެވެ؟ އެހެންވީމާ އެކަންކަން މިވާގޮތަކާއި ލޯބީގެ ޙަޤީޤީ އަގާއިމެދު ވިސްނައިލަމާހިނގާށެވެ!
އެއްދުވަހު ހެނދުނު ލައިޝާ ގޭގެ ދޮރު ހުޅުވައިލިތަނުން މަގުމަތީގައި 3 މުސްކުޅިއަކު ތިއްބައި ފެނުނެވެ. އެމީހުން ތިބި ގޮތުން ހީވަނީ ވަރަށް ބަނޑުހައިވެގެން ތިބިހެންނެވެ. އެހެންވެ ލައިޝާ އެމީހުން ގާތަށްގޮސް ކާން ގެއަށް ވަނުމަށް ދައުވަތުދިނެވެ.
އެމީހުން ކުރީ ސުވާލެކެވެ! "ފިރިމީހާ ގޭގައި އުޅޭތޯ؟"އެވެ. ނޫޅޭކަމަށް ބުނުމުން އެމީހުން ބުންޏެވެ. "ފިރިމީހާ ނެތި އަހަރެމެން އެއްވެސް ގެއަކަށް ނުވަންމުއެވެ."
އިރުކޮޅަކުން ފިރިމީހާ ގެއަށް އައުމުން އެ 3 މީހުންގެ ވާހަކަ ކިޔައިދިނެވެ. ފިރިމީހާ ބުންޏެވެ. "ދާށެވެ. އެމީހުން ތިބިނަމަ ދައުވަތުދީގެން ގެންނާށެވެ.
ލައިޝާ ގޮސް ދައުވަތު ދިނުމުން އެމީހުން ބުންޏެވެ. "3 މީހުންނަށް ދައުވަތުދީފިނަމަ އަހަރެމެން 3 މީހުން އެކުގައި ގޭގެއަކަށް ނުވަންނަމެވެ. އަހަރެމެންގެ ނަމަކީ ތަނަވަސްކަން، ކާމިޔާބު އަދި ލޯތްބެވެ. ފުރަތަމަ ދައުވަތުދޭނީ ކާކަށް ހެއްޔެވެ؟" ލައިޝާގެ ޖަވާބަކަށްވީ ފިރިމީހާގެ ގާތުގައި އަހައިލާނަމެވެ."
ލައިޝާ އައިސް އެވާހަކަ ކިޔައިދިނުމުން ފިރިމީހާ ބޭނުންވީ ތަނަވަސްކަމަށް ދައުވަތުދޭށެވެ! ގޭގެ ތަނަވަސްކަން އިތުރުވެގެންދާނެތީއެވެ. ލައިޝާ ބޭނުންވީ ކާމިޔާބީއަށް ދައުވަތުދޭށެވެ. ހުރިހާ ކަމެއް ކާމިޔާބުކުރެވޭނެތީއެވެ. މިއަޑުއަހަން ހުރެފައި އެމީހުންގެ ކުޑަ އަންހެން ދަރިފުޅު ބުންޏެވެ. "ލޯތްބަށް ދައުވަތުދޭންވީ ނޫންހެއްޔެވެ؟ އެއިރުން އަހަރެމެންނަށް ވަރަށް ލޯބިން އުޅެވޭނެއެވެ."
ދެމަފިރިން ދަރިފުޅުގެ ބަސް ޤަބޫލުކޮށް ލޯތްބަށް ދައުވަތުދޭން ނިންމިއެވެ. ލައިޝާ ގޮސް ލޯތްބަށް ދައުވަތު ދިނުމުން ފަހަތުން އަނެއް ދެ މީހުން ވެސް ހިނގައިގަތެވެ. އެވީގޮތަކާއިމެދު ލައިޝާ ސުވާލުކުރުމުން ބުންޏެވެ. "ގެއެއްގައި ލޯތްބަށް ދައުވަތުދީ ލޯތްބަށް އެންމެ ބޮޑު އިސްކަމެއް ދޭނަމަ އެގެއަކަށް ތަނަވަސްކަމާއި ކާމިޔާބު ލޯބީގެ ފަހަތުން ވަންނާނެއެވެ."
މިއީ ވަރަށް ޢިބްރަތްތެރިވާހަކަކޮޅެކެވެ. އަހަރެމެންނަށް މިއަދު ޤަބޫލުނުކުރެވިގެން މިއުޅެނީ ލޯބީގެ މުހިންމުކަމެވެ. ލޯބިވެ ލޯބި ދެމެހެއްޓުމުން ދެން ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނެ ކަމެވެ. ކިޔުންތެރިންނަށް ޢބްރަތަކަށް ފުދނަމަ އެކުވެރިންނަށް ވެސް މިވާހަކަކޮޅު ހިއްޞާކޮށްލާށެވެ!