ސްކޫލް ނިމި ކޮލެޖުގައި ކިޔެވީވެސް އެކުގައެވެ. ކޮލެޖު ނިންމިއިރު ދެމީހުންގެވެސް އެންމެ ބޮޑު އުންމީދަކީ މަތީ މާކްސްކަމަކަށް ނުބުނެވޭނެއެވެ. އެއީ އެންމެ ބޮޑު އުންމީދަކީ ދެމީހުން ކައިވެނިކުރުން ކަމަށް ވެފައި އޮތުމުންނެވެ.
ނަމަވެސް ތަޤްދީރު ނިޔާކުރީ އެގޮތަކަށް ނޫނެވެ. ކޮލެޖު ނިމުނު ތަނުން ފަޒީލާގެ މައިންބަފައިން ފަޒީލާ ރަށަށް ގެންގޮސްފިއެވެ. އެއީ މޯބައިލް ފޯނު ގެންގުޅޭ ދުވަސްވަރެއް ނޫނެވެ. ވީމާ އެހިސާބުން ދެމީހުންގެ ގުޅުން ކެނޑުނީއެވެ.
އަހުރެން ކިޔެވީ މެޑިސިންއެވެ. ކިޔަވައިގެން އައިސް އައިޖީއެމްއެޗްގައި ޚިދުމަތްކުރަން ފެށިތަނާ މަސްދުވަހަށް ރަށަކަށް ފޮނުވައިލިއެވެ. އެއީ އެރަށުގައި ހުރި ޑޮކްޓަރު އަހަރީ ޗުއްޓީއަށް ގޮސްފައި އެނބުރި އަންނަންދެންނެވެ.
އަހުރެން އެރަށަށް ގޮސް ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރަން ފެށީމެވެ. ދެވަނަ ދުވަހު ނަރުހުންނާއިއެކު ހަވީރު ސައިބޮއި ނިިންމައިލިތަނާ ނަރުހަކު ބުނީ އަހުރެންގެ ހިތް އެރަށުކުއްޖަކު ވަރަށް ކުރިންސުރެ ގެންގުޅޭ ކަމަށެވެ. ވަރަށް ވަފާތެރިކަމާއިއެކު އެހިތް ބަލަހައްޓާ ކަމަށެވެ. އަދި އެކުއްޖަކީ އޭނާގެ ޢާއިލާގެ ކުއްޖަކު ކަމަށެވެ.
އަހުރެން ބުނީމެވެ. "ތިއައީ ތެދަކަށްވާނަމަ އެކުއްޖަކީ ފަޒިލާއެވެ. ފަޒީލާ ނޫން މީހަކަށް އަހުރެންގެ ހިތެއް ދުވަހަކުވެސް ނުދެމެވެ." ދެން އޭނާ ސުވާލުކުރީ "އަދިވެސް ހިތްވީ ފަޒީލާ އާއި ޙަވާލުކޮށްފައިތޯއެވެ؟" ޖަވާބުގައި އެކަމަށް އަދިވެސް ބަދަލެއް ނުގެންނަ ކަމަށާއި މިއީ ފަޒީލާގެ ރަށްތޯ ސުވާލުކުރީމެވެ.
ޖަވާބަކަށް އޭނާ އަހުރެން ގޮވައިގެން ދިއައީ ދާދި ގާތުގައި ހުރި ގެއަކަށެވެ. މީހަކު ފެންނަން ނެތުމުން "ފަޒިއްތާ" ގޮވަމުން އެތެރެއަށް ވަދެ ކޮޓަރިއެއްގެ ދޮރުހުޅުވާލާފައި އައުމަށް އަތުން އިޝާރާތްކޮށްލުމުން ވަދެގެންގޮސް ހުއްޓުނުއިރު ފަޒީ އިނީ މުސައްލަމަތީގައި ދުޢާކުރާށެވެ! އެތަން ފެނުމުން ހުއްޓިހުރި ގޮތަށް ހުރެވުނީއެވެ. ފަޒީލާ އަހުރެމެންނަށް ބަލައިޅީވެސް ދުޢާކޮށް ނިންމައިފައެވެ.
އަހުރެން ފެނުމާއިއެކު ދިއައީ ސަޖިދައަށެވެ. އިރުކޮޅަކުން ތެދުވީ މޫނު ފުހެމުންނެވެ. އެއިރުވެސް ރޮވެނީއެވެ. އަހުރެންނަށް ބަލާކަށް ނުހުރެވުނެވެ. ބާރަށް ގޮސް ބައްދައިލެވުނެވެ. ފަޒީ ދެކޮޅެއް ނުހަދައެވެ. މޭގައި ބޯޖައްސައިގެންހުރެ ރުއީއެވެ.
ގޮވައިގެން ފެންޑާއަށް ނުކުމެ އުނދޯލީގައި ދެމީހުން އެކުގައި އިށީނދެފައި ބުނީމެވެ. "ފަޒީއެވެ. ގިނަ ވާހަކަ ނުދައްކައި ނިކަން އަވަހަށް ބުނެބަލާށެވެ! ފަޒީ އަދިވެސް ތިއަހުރީ ހަމަ އެކަނި ހެއްޔެވެ؟" ޖަވާބުގައި ބުންޏެވެ. "މިހުރީ ޢުމުރު ހުސްވިޔަސް ޝަކީލް މީހަކާ އިންކަން ޔަޤީން ނުވަނީސް ކައިވެނި ނުކުރަން ހުވާކޮށްގެންނެވެ. އަހުރެންގެ ގައިގައި ބީހެވުނު ތިއަ ނޫން ފިރިހެނަކު އަދިވެސް ނުހުންނާނެއެވެ."
އަހުރެންނަށް ވެސް ބުނެވުނީ ހަމަ އެހެންނެވެ. "އަހުރެންވެސް މިހުރީ ފަޒީ އާއި ބައްދަލުނުވަނީސް ކައިވެނިނުކުރަން ނިންމައިގެންނެވެ. ކޮލެޖުގައި ކިޔެވިއިރު ބުނި ގޮތަށެވެ. މުހިންމީ ކޮލެޖުން ލިބޭ ސެޓިފިކެޓެއް ނޫނެވެ. ކައިވެނީގެ ސެޓުފިކެޓެވެ. މިހާރު ބުނެލަން ބޭނުމީ މުހިންމީ ލިބިފައިވާ ޑޮކްޓަރުކަމުގެ ސެޓުފިކެޓެއް ނޫނެވެ. އަދި އިތުރަށް ހޯދަންޖެހޭ ފިޒިޝިއަނެއްގެ ސެޓުފިކެޓެއްވެސް ނޫނެވެ. ކައިވެނީގެ ސެޓުފިކެޓެވެ."
ފަޒީ ބުނީ އަހުރެންނަށް އެރަށަށް ދެވުނުކަން އެނގުމުން ވަގަށް އަހުރެންނަށް ބަލަމުން ގެންދިއަ ކަމަށާއި ވާހަކަދައްކަން ނުކެރުނީ ކައިވެނިކޮށްގެން ހުރެދާނެތީ ކަމަށެވެ.
އަނެއްރޭ ދެމީހުންގެ ކައިވެނި ކުރެވި ދެމީހުން އެންމެ ކުރިންސުރެވެސް ބޭނުންވި ސެޓުފިކެޓް ލިބުނެވެ. މިހާރު 5 ދަރިންވެސް ލިބިއްޖެއެވެ. ދިރިމިއުޅެނީ އޮސްޓްރޭލިޔާގައެވެ. ލޯގަނޑަކަށް ލައްވާފައި ކޮޓަރީގެ ފާރުގައި އެލުވި ކައިވެނީގެ ސެޓުފިކެޓް އަދިވެސް ހަމަ އެގޮތަށް އެބައިނެވެ.
ނިންމާލަމުން ބުނެލާނަމެވެ. ފަޒީ ބުނީ ކޮންމެ ނަމާދަކަށްފަހުގައިވެސް ދެމީހުން ބައްދަލުވުން އެދި ދުޢާކުރާކަމަށެވެ. ކައިވެނިކުރެވޭތޯ ދުޢާކުރާކަމަށެވެ. އަހުރެމެންނަށް އެދުވަހު ދެވުނުއިރުވެސް އެކަމަށް އެދިގެން ދުޢާކުރަން ކަމަށެވެ.
ދެން މިހާރު އަހުރެމެން ޒުވާނެއް ނުވާނެތާއެވެ. އެކަމަކު ޒުވާނުންނަށް ބަހެއް ބުނެލާނަމެވެ. ލޯބީގައި ތެދުވެރިވާށެވެ! ކާމިޔާބީގެ ތަޅުދަނޑިއަކީ ތެދުވެރިކަމެވެ. އަދި މިއަދާއި ހަމައަށްވެސް އަހުރެންގެ ވަޒީފާގެ ގޮތުން ބީހިލަންޖެހުނު އަންހެނެއް ފިޔަވައި އިތުރު އެއްވެސް އަންހެނެއްގެ ގައިގައި ނުބީހެންކަމަށް މިހުރީ ހުވާކުރަން ތައްޔާރަށެވެ!
މިވާހަކަވެސް ބުނެލަން ބޭނުމެވެ. އަހުރެންނަށް ވިސްނޭ ގޮތުގައި މާލެއިން އުފުރާލައިގެން ފަޒީގެ ރަށަށް އަހުރެން ދަމައި ގެންދިއަ ބާރަކީ ފަޒީގެ ތެދުވެރިކަމާ އޭނާކުރަމުންދިއަ ދުޢާއެވެ.
- ޝަކީލް / މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ