މިއީ ސްޓްރޯކެއް ޖެހުމުގެ އަލާމާތްތައް، ހާއްސަކޮށް ޓީއައިޓީގެ އަލަމާތެއް ފެނިއްޖެނަމަ އަވަހަށް ދެނެގަނެ ސަމާލުވޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 47ސ
މިއީ ސްޓްރޯކެއް ޖެހުމުގެ އަލާމާތްތައް، ހާއްސަކޮށް ޓީއައިޓީގެ އަލަމާތެއް ފެނިއްޖެނަމަ އަވަހަށް ދެނެގަނެ ސަމާލުވޭ!

ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ދިރިއުޅުމުގެ އާދަޔާޚިލާފު ގޮންޖެހުންތަކާއި ކުރިމަތިކުރުވާ، އެފަދަ ބައްޔެއްކަމުގައިވާ "ސްޓްރޯކް" ނުވަތަ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ދިޔުން ނުވަތަ ބެދުން ދުނިޔޭގައި ވަރަށް އާންމުވެފައިވާ ބައްޔެކެވެ. މިއީ ސިކުނޑިއަށް ލޭގެނެސްދޭ ހޮޅިއެއް ބެދުމުގެ ސަބަބުން ނުވަތަ ފެޅުމުގެ ސަބަބުން، ސިކުނޑީގެ ބަޔަކަށް ލޭ ލިބުން ހުއްޓި، އެ ސިކުނޑީގެ ސެލްތަކަށް ގެއްލުންވެ، މަސައްކަތް ހުއްޓޭ ބައްޔެކެވެ. މި ބަލި ޖެހިއްޖެނަމަ، ވަގުތުން ފަރުވާ ނުލިބިއްޖެނަމަ ހަށިގަނޑުގެ ބާރުދެރަވެ، ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ އިތުރުން ފުރާނައަށްވެސް ނުރައްކާ ވެދާނެއެވެ. އެހެންކަމުން، ސްޓްރޯކެއް ޖެހުމުގެ އަލާމާތްތައް އަވަހަށް ދެނެގަނެ، ގިނަ ބަޔެއްގެ ފުރާނަ  

ސަލާމަތްކުރުމަށްޓަކައި އަވަސް ފިޔަވަޅު އެޅުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. 

ސްޓްރޯކެއް ޖެހުމުގެ އަލާމާތްތައް ގިނަފަހަރު ފެންނަނީ ކުއްލިއަކަށެވެ. މި އަލާމާތްތައް ދެނެގަތުމަށްޓަކައި ބޭނުންކުރެވޭ އެންމެ ފަސޭހަ އަދި އެންމެ އާންމު ގޮތަކީ : 

  • މޫނު އަނބުރާލުން: މީހާއަށް ހިނިތުންވާން ބުނެލާށެވެ. އެމީހާގެ މޫނުގެ އެއްފަރާތް ދޫވެ، އަނބުރާލާފައި ހުރިނަމަ، އެއީ ސްޓްރޯކެއްގެ އަލާމާތަކަށް ވެދާނެއެވެ.
  • އަތް ނުނެގުން: މީހާއަށް ދެއަތް މައްޗަށް ނަގަން ބުނާށެވެ. އެއް އަތް ތިރިއަށް ވެއްޓި، ނުނެގެވިފައި ހުރިނަމަ، އެއީވެސް ނުރައްކަލުގެ ސިގްނަލެކެވެ.
  • ވާހަކަ ދެއްކުމަށް އުނދަގޫވުން: ކޮންމެވެސް އެއްވެސް ޖުމްލައެއް ތަކުރާރުކޮށް ކިޔަން ބުނާށެވެ. ވާހަކަ ދެއްކުމުގައި އުނދަގޫވެ، އަޑަށް ބަދަލު އައިސްފައިވާނަމަ އެއީ ސްޓްރޯކެއްގެ އަލާމާތެއް ކަމަށް ވެދާނެއެވެ.
  • އަވަހަށް އެމަޖެންސީއަށް ގުޅުން: މި ތިން އަލާމާތުގެ ތެރެއިން އެއް އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން އެމަޖެންސީއަށް ގުޅައި، ފަރުވާ ހޯދުމަށް ފަސްނުޖެހޭށެވެ. ކޮންމެ މިނިޓަކީވެސް ސިކުނޑީގެ ސެލްތައް ސަލާމަތްކުރުމަށް ލިބޭ ރަން ވަގުތެކެވެ. 

މީގެ އިތުރުންވެސް ސްޓްރޯކެއް ޖެހުމުގެ އެހެނިހެން އަލާމާތްތައް ހުރެއެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ އެއްފަޅިއަށް ކުއްލިއަކަށް ބާރުދެރަވެ، ނުވަތަ އައްސިވުން ހިމެނެއެވެ. ކުއްލިއަކަށް ވިސްނުމަށް އުނދަގޫވެ، ވާހަކަ ދެއްކުމަށް ނުވަތަ އެއްޗެއް ދެނެގަތުމަށް އުނދަގޫވެ، މީހުން ދައްކާ ވާހަކަ ނުވިސްނުމަކީވެސް ސްޓްރޯކެއްގެ އަލާމާތަކަށް ވެދާނެއެވެ.  

ސަބަބެއް ނޭނގި ކުއްލިއަކަށް ބޮލުގައި ވަރަށް ގަދައަށް ރިހުން، އަދި ބޮލުގައި ރިހުމާއެކު ހޮނޑުލެވުން ނުވަތަ ހޭނެތޭގޮތް ވުމަކީވެސް ސްޓްރޯކެއްގެ އަލާމާތެއް ކަމަށް ވެދާނެއެވެ. ހަމައެފަދައިން، ކުއްލިއަކަށް ހިނގުމަށް އުނދަގޫވެ، ހަށިގަނޑުގެ ހަމަޖެހުން ނުހިފެހެއްޓި ވެއްޓޭ ކަހަލަ ގޮތް ކުރިމަތިވުމަކީވެސް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. 

އަދި ހަމަ އެއާ އެކު ދުންފަތަކީ ލޭ ނާރު ތަކުގައި ސަރުބީ ޖެހުމުގައި އެއްމެ އިސް ރޯލެއް  އަދާ ކުރާ އެކައްޗަށް ވީއިރު ދުންފަތާއި ދުރުވުމަކީ ސްޓްރޯކް ޖެހުނަ ނުދިނުމަށް އެއްމެ މުހިއްމު އެއްކަމެވެ. 

ވަކިން ހާއްސަކޮށް ޓްރާންސިއެންޓް އިސެމިކް އެޓޭކް، (ޓީ.އައި.އޭ) ނޫނީ މިނީ ސްޓްރޯކް އަކީ އަޅުގަނޑުމެން އެންމެނަށް އެއީ ކިހިނެއް ދިމާވާ ކަމެއްކަމާ، އަދި އެކަމުގެ އަވަސް ފަރުވާއަކީ ކޮބާކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ޓީ. އައި. އޭ  އަކީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކަށް އެކަށީގެންވާ ވަރަށް އޮކްސިޖެން ފޯރުކޮށް ނުދެވުމުގެ ސަބަބުން ސިކުނޑިއަށް ޖެހޭ އެޓޭކެކެވެ. މިނިޓު ކޮޅަކުން ގަޑިއިރު ތަކަކަށް ދެމިގެންދާ މިއެޓޭކްގެ ސަބަބުން އިންސާނާއަށް  މާބޮޑު އަދި ދާއިމީ ގެއްލުން ތަކެއް ނުލިބެއެވެ. މިސަބަބައްޓަކައި މިކަހަލަ އެޓޭކްތަކަށް ފަރުވާ ކުރުމަށްފަހު އިތުރަށް އަޅާނުލާ ދޫކޮށްލެވެއެވެ. ނުވަތަ އަމިއްލައަށް ބައެއް ފަހަރު ނޯމަލްވުމުން، އެކަމާއި މެދު ފަހުން ވިސްނާވެސްނުލެވެއެވެ. 

ޓްރާންސިއެންޓް އިސެމިކް އެޓޭކްގެ އަލާމާތްތަކަކީކޮބާ؟ 

* މޫނު، އަތް، ފައި ނޫނީ ހަށިގަނޑުގެ އެއްފަޅި ވާޅުވުން، އައްސިވުން، ނޫނީ ވާގިނެތުން

* ވާހަކަ ދައްކަން އުނދަގޫވުން، ބައެއް އަކުރު ކިޔަން އުނދަގޫވުން.

* ލޮލުގެ ފެނުން ދަށްވުން ނޫނީ ނުސާފުވުން.

* ބޯ އެނބުރުން، މޫނު މައްޗަށް އަނދިރިވުން

* ސަބަބަކާއި ނުލާ ގަދައަށް ބޮލުގައި ރިއްސުން 

ބޮޑު ސްޓްރޯކެއް ޖެހުމުގެ ގަޑިއިރު ތަކެއް ނޫނީ ދުވަސްތަކެއް ކުރިން ޓީ.އައި.އޭ ގެ އަލާމާތްތަށް ފެނިގެން ދާހިނދު، ތިމާއަށް ޓީ.އައި.އޭގެ ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވީހާވެސް އަވަހަކަށް ސިއްޙީ އެހީތެރިއެއްގެ އެހީ ހޯދުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.

ސްޓްރޯކަކީ ވަގުތުން ފަރުވާ ނުލިބިއްޖެނަމަ ސިކުނޑީގެ ސެލްތައް މަރުވެ، ދާއިމީ ގެއްލުންތައް ލިބިގެންދާ ބައްޔެކެވެ. އެހެންކަމުން، މިފަދަ އަލާމާތެއް ފެނިއްޖެނަމަ، އަލާމާތްތައް ފިލާނެކަމަށް ބަލައިގެން އިރުކޮޅަކު މަޑުނުކޮށް، ވަގުތުން މެޑިކަލް އެހީތެރިކަމަށް އެދި ހޮސްޕިޓަލަށް ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ސްޓްރޯކެއް ޖެހި، ގަޑިއެއްހާއިރުގެ ތެރޭގައި ފަރުވާ ލިބިއްޖެނަމަ، ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެއެވެ. 

ސްޓްރޯކުގެ އަލާމާތްތަކަށް ސަމާލުވުމަކީ ކޮންމެ އާއިލާއަކަށް، އަދި ކޮންމެ މުޖުތަމަޢަކަށްވެސް މުހިންމު ކަމެއް ކަމުގައެވެ. އަހަރެމެންގެ ތެރެއިން އެކަކަށް މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، އަވަސްކަމާއެކު ފަރުވާ ހޯދުމަށް ފަސްނުޖެހި އެހީތެރިވުން މުހިންމެވެ. ކޮންމެ މިނިޓަކީވެސް ފުރާނައެއް ސަލާމަތްކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭ ރަން ފުރުސަތެކެވެ. އަވަސްކަމާއެކު ދެނެގަނެ، އަވަސް ފަރުވާއެއް ލިބިއްޖެނަމަ، ސްޓްރޯކުން ލިބިދާނެ ނުރައްކާތަކުން ރައްކާތެރިވެ، ބަލި މީހާގެ ދިރިއުޅުން އާންމު ހާލަތަށް ރުޖޫޢަވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

 

މިއަދު އޮންލައިން