ކީރިތި ޤުރްއާން ހިތުދަސް ކިތައް ޙާފިޡުން މިހާރު ދުނިޔޭގަ އެބަތިބިތަ؟ ވަނީ ގިނަތަ މަދުތަ؟
މިއީ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ. ސުވާލުގެ ފުރަތަމަ ބައިގައި އެވާ ޢަދަދު ޔަޤީންކަމާއިއެކު ބުނެވޭނެ ގޮތެއް ނެތެވެ. ފުރަތަމަ ސަބަބަކީ ދުނިޔޭގެ ޙާފިޡުންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލެވިފައި ނެތްކަމެވެ. ދެވަނަ ސަބަބަކީ ފަޤީރު ބައެއް ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ޙާފިޡުން ތިބިނަމަވެސް އެކަން ހާމަނުވާ ކަމެވެ.
ވަނީ ގިނަތަ މަދުތަ؟ މިސުވާލަށް ދަންނަވަންޖެހެނީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. މަދަކުންވެސް ނޫނެވެ. ބޮޑުތަނުންނެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ރާއްޖޭގައިވެސް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއިއެކު ބޮޑުތަނުން އިތުރުވެގެންދާތަން ދާދިއަވަހަށް ފެންނަން ފަށާނެއެވެ. އިން ޝާ ﷲ
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ކިޔުންތެރިޔާވެސް ހިންމަތާއިއެކު މަސައްކަތްކުރައްވާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
"އަހުރެންނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ކީރިތި ޤުރްއާން ހިތުދަސް 200 މިލިއަނަށްވުރެ ގިނަ މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. ބައިބަލް ހިތުދަސް އެކަކުވެސް ދުނިޔެއަކު ނެތެވެ." --ޝައިޚް ޔޫސުފް އެސްޓީސް
ޝައިޚް ޔޫސުފް އެސްޓީސް ވިދާޅުވެފައިވާ މިބަސްފުޅަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންދާ ވަރަށް އުންމީދީ މެސެޖެކެވެ. އެފަދަ ޢިލްމުވެރިއަކު މިވަރުގެ ބަސްފުޅެއް ވިދާޅުވާނީ އެއިގައި ބުރަދަނެއް ހުރުމުންނެވެ. އެއީ ތެދު ޙަޤީޤަތަކަށްވާތީއެވެ.
ޝައިޚްގެ މި ބަސްފުޅުން އެނގިގެންދަނީ ބައަކު ކިތަންމެ ފޯރީގައި ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކީރިތި ޤުރްއާން ފުހެނުލެވޭނެ ކަމުގެ ދަލީލަކަށް ފުދިގެންދެއެވެ.
މުޅި ދުނިޔެވެސް އިއްތިފާޤްވާ އެއްކަމެއް އެބައޮތެވެ. އެއީ ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ހިތުގައިވަނީ ކީރިތި ޤުރްއާން ކަމެވެ. މާނައަކީ އެންމެ ގިނަ ބައަކު ހިތުދަސް އެފަދަ ފޮތަކީ ކީރިތި ޤުރްއާން ކަމެވެ.
ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ކީރިތި ޤުރްއާން ހިތުދަސްކުރުމަށެވެ. އެކަމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަމުން އަންނަ މީހަކަށް ކާމިޔާބު ނުކުރެވި ވަނިކޮށް މަރުވި ނަމަވެސް އެމީހާއަށް ޙާފިޡެއްގެ ދަރަޖަ ދެއްވަވާނެ ކަމަށް ބައެއް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.