ކޮންމެ މީހކަށްވެސް އެންމެ ބޮޑަށް މުހިންމުވާނެ ކަމަކީ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިފައިވުމެވެ. އެކަން ޙާޞިލުކުރެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހަކަށް ކަމުގައި އަބަދުވެސް ބުނަމެވެ. މިވާހަކަކޮޅުވެސް ރަނގަޅަށް އަޑުއަހައިލާށެވެ!
އިމާމް އިބްން ޤައްޔިމް ވިދާޅުވެފައިވާ މިވާހަކައަކީ މި މައުޟޫޢުގައި ވަރަށް ޢިބްރަތްތެރިވާހަކައެކެވެ.
ރަސްކަލެއްގެ 2 ފިރިހެން ދަރިކަލުން ތިއްބެވިއެވެ. އެ 2 ދަރިކަލުން ރަސްގެފާނަށް ވަރަށް ކިޔަމަންތެރިއެވެ. އަދި ރަސްގެފާނު ދެކެ ވަރަށް ލޯބިވެސް ވެއެވެ. އެހެންކަމާއިއެކު ރަސްގެފާނު އެއްދުވަހަކު 2 ކަރިންނަށް ވިދާޅުވީ 2 ދަރިކަލުންނަށްވުރެ ޖެނެރަލް ރަސްގެފާނު ދެކެ ލޯބިވާ ކަމަށެވެ. 2 ދަރިކަލުންނަށް ލިބިވަޑައިގަތީ ވަރަށް ބޮޑު ޝޮކެކެވެ. އަދި އެއީ ކީއްވެގެން ކަމާއިމެދު ސުވާލުކުރެއްވިއެވެ.
ޖަވާބުގައި ރަސްގެފާނު ދެ ދަރިކަލުންނާއި އަދި ޖެނެރަލް އާއިއެކު މަގުމައްޗަށް ނުކުމެވަޑައިގެން ހިންގަވަން ފެށްޓެވިއެވެ. އެއީ ހޫނުވެސް ވަރަށް ގަދަ ދުވަހެކެވެ. ހިންގަވަމުން ވަޑައިގަންނަވަނިކޮށް ފެންވަޅެއް ފެނިވަޑައިގަތުމުން ރަސްގެފާނު ފެންވަޅަށް ބައްލަވައިލެއްވެވިއެވެ. ރަސްގެފާނު ވަޅަށް ބައްލަވައި ލެއްވެވުމާއިއެކު ޖެނެރަލް ދުވެފައި ގޮސް ވަޅުން ފެންގެނެސް ރަސްގެފާނަށް އެރުވިއެވެ.
މިވީ ގޮތާއިމެދު ވިސްނާށެވެ! ރަސްގެފާނުގެ 2 ދަރިކަލުންނަށް ބައްޕާފުޅުގެ ބޭނުންފުޅު އެނގިވަޑައިގެންނެވި ކަމަކަށް ނުވިއެވެ. ނަމަވެސް ޖެނެރަލަށް އެނގުމުން އަވަސްވެގަތީއެވެ.
ﷲ ތައާލާ ދެކެ ފުރިހަމައަށް ލޯބިވާ މީހުން ތިބެން ޖެހޭނީ ޖެނެރަލް ފަދައިންނެވެ. އެކަމެއް ކުރުމަށް ﷲ ތައާލާ އަނގަވާފައިވާ ކަންކަން ކުރުމަށް އަވަސްވެގަންނަ ބައެއްގެ ގޮތުގައެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށް ކުރަންޖެހޭ ކަންކަމުގައި އަވަސްވެގަންނަ ބައެއްގެ ގޮތުގައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަން ކުރުމުގެ ފުރުޞަތަކަށް ބަލަބަލައެވެ.
ދެން މިބުނަނީ އަހުރެންގެ ބަހެވެ.
ފުރަތަމަވެސް ބަލައިލަންވީ ލޯބީގެ ނުވަތަ ލޯބިވުމުގެ މާނައަށެވެ. ލޯބީގެ މާނައަކީ އެހެންކަންކަން ފުހެވިގެން ދިއުމެވެ. ތިމާ އެންމެ ލޯބިވާ ކަންތަކުން ހިތް ފުރިފައިވުމެވެ. މި މާނަ ދީނީ ގޮތުން ބަލައިފިނަމަ ﷲ ތަޢާލާ ދެކެ ލޯބިވުމުގެ މާނައަކީ އެމީހެއްގެ ހިތް ﷲ ތަޢާލާއަށްޓަކައި ފުރިގެންވުމެވެ. ﷲ ތައާލާ ލޯބިވެވޮޑިގަންނަވާ ކަންކަމުން ފުރިގެންވުމެވެ.
މީގެމާނައަކީ ހަމައެކަނި އަޅުކަންކުރުމަށް ލޯބިކުރުމެއް ނޫނެވެ. އަޅުކަން ކުރުމަށް ލޯބިކުރަން ޖެހޭނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމަ އެއާއިއެކު އަނބިދަރިން ދެކެވެސް ލޯބިވާން ޖެހޭނެއެވެ. މައިން ބަފައިން ދެކެ ވެސް ލޯބިވާންޖެހޭނެއެވެ. ދުނިޔެ ދެކެ ވެސް ލޯބިވާން ޖެހޭނެއެވެ. ނަމަވެސް މިހުރިހާ ލޯބިވުމެއް އުފައްދަން ޖެހޭނީ ﷲ ތަޢާލާއަށް ލޯބިވުމުގެ ތެރެއިންނެވެ. މިހުރިހާ ކަންކަމަށް ވެސް ލޯބިކުރަން ޖެހޭނީ އެކަންކަމަށް ލޯބިކުރަން ﷲ ތައާލާ އަންގަވާފައިވާތީއެވެ. އެކަން ހިތުގައި ބާއްވައިގެން ލޯބިކުރުމުން އެކަންކަމަށް ލޯބިކުރުން ވާނީ ﷲ ތަޢާލާއަށް ލޯބިކުރުން ކަމުގައެވެ.
ހަމައެއާއިއެކު ﷲ ތައާލާ ރުހިވޮޑިނުގަންނަވާ ހުރިހާ ކަންކަމަށް ރުޅި އަންނަން ޖެހޭނެއެވެ. އެފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެހެނީ އެއްވެސް މީހަކު ލޯބިވާ މީހަކު ހުރިނަމަ އެމީހާ ރުޅި އަތުވެދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. ޚާއްޞަކޮށް މީހެއްގެ ކިބައިން ލޯތްބަށް އެދޭ މިހާ އެމީހަކު ރުޅިއަންނާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ އަށް ލޯބިވާނަމަ ﷲ ތައާލާ ރުހިވޮޑިނުގަންނަވާ ކަމެއް ކުރާނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ތަނަވަސްކަމާއި އާރާއި ބާރާއި ރީތިކަމަށް ލޯބިކުރި ނަމަވެސް އެކަންކަން ބަދަލުވާނެއެވެ. ގެއްލިގެންދާނެއެވެ. ބަދަލުވެގެން ދިއުމުން އެކަންކަމަށްވާ ލޯބިވެސް ބަދަލުވެގެންދެއެވެ. ނަމަވެސް ﷲ ތަޢާލާ ހަމަ އެގޮތުގައި ދެމިވޮޑިގެންވެއެވެ. ރަހްމާންވަންތަ ރަޙީމްވަންތަ ﷲ ގެ ގޮތުގައެވެ. އަހަރެމެންނަސް ބޭނުންވާނެ އެންމެހައި ނިޢްމަތްތައް މިންވަރު ކުރެއްވެވުމުގައެވެ. ފާފަތައް ފުއްސަވައި ދެއްވެވުމުގައެވެ. ވީއިރު އަހަރެމެންނަށް އޮތީ ﷲ ތަޢާލާއަށް ލޯބިވުމުގައި ސާބިތުވެ ދެމިތިބުމެވެ.
އަދިވެސް ވިސްނައިލާށެވެ! މުއްސަނދިންނާއި ވެރިން ފަދަ މީސްމީހުން އެހެން މީހަކަށް ތައްރީފް ކުރާނީ އެމީހުންގެ މަތީ ދަރަޖަ އާއިއެކުވެސް މީހެއްގެ ކިބައިން ކަމަކަށް ބޭނުންވުމުންނެވެ. ނޫން ނަމަ ތައްރީފެއް ނުކުރާނެއެވެ. ﷲ ތަޢާލާ އަހަރެމެންގެ ކިބައިން ނުވަތަ އެހެން އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ނަމަވެސް މީސްތަކުންނަށް ތައްރީފް ކުރައްވަވައެވެ. މީސްތަކުންނާއިމެދު ފަޚުރުވެރިވެވޮޑިގެން މަލާއިކަތުންނަށް އެކަން ބަޔާން ކުރައްވަވައެވެ. އެކަމުންވެސް އެނގިގެންދަނީ ތަޢާލާ މީސްތަކުންނަށް ލޯބިވެވޮޑިގަންނަވާ މިންވަރެވެ.
- ޢުމަރު ސުލައިމާންގެ ދަރުސަކުން