މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައިޒާން އަލިމަނިކު (މައިޒާން އަލިބެ) ގެ އަނބިކަނބަލުން އާއިޝަތު ޒަމީލް ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފިއެވެ.
ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ މައިޒާން އަލިބެގެ އަނބިކަނބަލުން ނިޔާވުމުން އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
"މަރްޙޫމާ ޢާއިޝަތު ޒަމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މަރްޙޫމާ އާއިޝަތު ޒަމީލްގެ ކަށުނަމާދު އޮންނާނީ މާދަމާ (07-10-2025) އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
މައިޒާން އަލިބެއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މި ޚިދުމަތްތަކަށްޓަކައި ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެއިތުރުން މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވާފައިވެއެވެ.
