ދަނގެތީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދަނގެތީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

އދ. ދަނގެތީގައި އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތަކީ، އެމަނިކުފާނު އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު ރަސްމިއްޔާތެކެވެ. މި މަޝްރޫޢަކީ އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ދަނގެތީގައި ގާއިމުކުރާ މި ސެންޓަރުގައި އިންޑޯ ޖިމްއެއް ހިމެނޭނެއެވެ. މީގެ އިތުރުން އެރޮބިކްސް ކުރެވޭނެ ޖާގައާއި، އެކި ބާވަތުގެ ބޯޑު ގޭމްތައް ކުޅެވޭނެ ވަސީލަތްތައް މި ސެންޓަރުގައި ޤާއިމުކުރެވޭނެއެވެ.

އަދި މި ސެންޓަރުގައި މީޓިންގ ރޫމަކާއި އެކި ބާވަތުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ޚާއްޞަ ކުލާސް ރޫމެއްވެސް ހިމެނޭނެއެވެ. މި ސެންޓަރު ނިމުމުން ރަށުގެ ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން