ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަ ވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަ ވާލުކޮށްފި

އދ. ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.

279.92 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދަނގެތީ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

1160 މީހުންގެ އާބާދީއެއް އޮންނަ ދަނގެއްޗަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. މި މަޝްރޫޢުގެ ދަށުން ހިއްކޭ ބިމުން ގޯތި ދޫކުރެވޭނެއެވެ. އަދި ގެސްޓް ހައުސް ވިޔަފާރި ކުރުމަށް އިތުރު ބިން ރަށުން ލިބިގެންދާނެއެވެ. މިއީ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ދަނގެއްޗަކީ ހުޅަނގު ފަރާތުން ވަރަށް ބޮޑަށް ގިރަމުންދާ ރަށެކެވެ. މިގޮތުން، އެ ހިސާބުގައި ހުންނަ ގޭގެއާ ހަމައަށްވެސް އުދައިގެ ލޮނުގަނޑު އަރައި، އެ މަގުން ދުއްވާ އުޅަނދުތަކަށްވެސް މިހާރު ދަނީ ދަތިތައް ކުރިމަތިވަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ރަށަށް ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ލިބި، މިހާރު ރައްޔިތުން ތަޙައްމަލު ކުރަމުންދާ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ.

570 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، 27.32 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ލޯކްރެސްޓް ބޭރުތޮއްޓެއް ލުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 385 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.

މިއަދު އޮންލައިން