ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރިއަތޮޅު ދެކުނުބުރީ ދިގުރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް ދިގުރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި ރަށުގެ އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި ދަތުރުފުޅުގައި ރައީސް ދިގުރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ މުހިންމު މަޝްރޫޢެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިގުރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާނެއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލު ބައްލަވައި، ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަޑުއެއްސެވުމަށް ވަނީ ހަމަޖެހިފައެވެ.