ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

އދ. ދިގުރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އެރަށުގައި ބޭއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އޮނަރަބަލް ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ދިގުރަށު ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

724 މީހުންގެ އާބާދީއެއް އޮންނަ ދިގުރަށަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. މި މަޝްރޫޢުގެ ދަށުން 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 127 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. މިއީ 12.86 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވާއިރު، 150 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ރަށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި، ރަށަށް ހިމާޔަތްވެފައިވާ ރީތި ގޮނޑުދޮށެއް ލިބިގެންދާނެއެވެ. މިއީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބި، ރަށަށް އިޤްތިޞާދީ ގޮތުން ވެސް ފައިދާ ކުރާނެ ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން