އައިޖީއެމްއެޗުން ދޭ އައިނުގެ ޚިދުމަތަކީ ވިޔަފާރި އުސޫލުން ދޭ ޚިދުމަތެއް ނޫން: ވަޒީރު ނާޡިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އައިޖީއެމްއެޗުން ދޭ އައިނުގެ ޚިދުމަތަކީ ވިޔަފާރި އުސޫލުން ދޭ ޚިދުމަތެއް ނޫން: ވަޒީރު ނާޡިމް

އައިޖީއެމްއެޗްގައި ސަރުކާރުން އައިނުގެ ޚިދުމަތް ފެއްޓެވީ ހެޔޮ އަގުގައި އައިނުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި މިއީ ވިޔަފާރި އުސޫލުން ދޭ ޚިދުމަތެއް ނޫން ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓު ކުރުމުގެ ބަދަލުގައި ސަރުކާރުން އެ ޚިދުމަތް ދޭން ފެށި ސަބަބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، ވަޒީރު ވިދާޅުވީ ލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައި މި ޚިދުމަތް ފެށިފައިވަނީ ހެޔޮ އަގުގައި އައިނުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މިއީ އާސަންދައިގެ ދަށުން ކޮންމެ ދެ އަހަރަކުން އެއްފަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2000 ރުފިޔާގެ ތެރެއިން އައިޖީއެމްއެޗުން ފޯރުކޮށްދޭ ޚިދުމަތެކެވެ. "އައިނުގެ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިތަކުން އެ ޚިދުމަތް ހޯދުމަކީ އާންމުންނަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމެއްކަން ސަރުކާރަށް ވަނީ ދެނެގަނެވިފައި،" ވަޒީރު ވިދާޅުވިއެވެ.

އާސަންދައިން ނަންބަރު އައިނު އަޅާ ފަރާތްތަކަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު 1000 ރުފިޔާ ދޭއިރު، ގިނަ ރައްޔިތުންނަށް އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ޚަރަދުކުރަން ޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތް ގާއިމުކޮށްގެން ޚިދުމަތް ދިނުމުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތް ދިނުމުގެ ކަންކަން ރޭވިފައިވަނީ ލޮލުގެ ތަހުލީލުތައް ހަދާފައިވާ ބަލިމީހުންނަށް، ލޮލުގެ ފެނުމުގެ ޓެސްޓް ކުރުމާއި ގްލޯކޮމާފަދަ ހާލަތްތައް އަވަހަށް ދެނެގަތުމާއި އިންހައުސްކޮށް ލެންސް އުފެއްދުންފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ކަމަށާއި، ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި މި ޚިދުމަތް ފުޅާކޮށް ރާއްޖޭގައި ލޮލުގެ ފަރުވާ ފަސޭހަގޮތުގައި ލިބޭނެ ގޮތް ހެދުން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން