އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް މިއަދު ވަނީ ރަސްމީކޮށް ހުޅުވާލައިފައެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިގުރަށަށް ކުރެއްވި ދަތުރުފުޅުގައި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.
މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޓެންޝަން އިމާރާތުގައި ޤާއިމުކޮށްފައިވާ އެކި ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އަދި މި އިމާރާތުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދަވާފައިވެއެވެ.
އެކްސްޓެންޝަން އިމާރާތުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދޭ ޔުނިޓެއް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކަކާއި، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވެއެވެ.
އަދި މާބަނޑު މައިންނަށް ބޭނުންވާ ސިއްޙީ ފަރުވާދޭ ކްލިނިކަކާއި ކުޑަކުދިންގެ ސިއްޙަތުގެ ކްލިނިކެއްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ޚިދުމަތްތައް ޤާއިމުކުރެވުމާއެކު، ދިގުރަށުގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.
މި އިމާރާތް ހުޅުވުމާއެކު، ދިގުރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ފެންވަރު މަތިވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ.