ދިގުރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި ކޮންވެންޝަން ސެންޓަރެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިގުރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކޮންވެންޝަން ސެންޓަރެއް ޤާއިމުކޮށްދެއްވާނެ ކަމަށެވެ. މީގެއިތުރުން، އަންނަ އަހަރުގެ ކުރީކޮޅު ދިގުރަށުގައި ޑޮލަރު އޭޓީއެމްއެއްވެސް ޤާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މަގުހެދުމުގެ މަޝްރޫޢާއި ސްކޫލުގެ އައު އިމާރާތަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ނުހަނު މުހިންމު ދެ މަޝްރޫޢު ކަމަށެވެ. "މި ދެ މަޝްރޫޢުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން" ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އެކި މުއައްސަސާތަކުގައި ރަށުން ބޭރުން ޚިދުމަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކެއް ޤާއިމުކޮށްދެއްވާނެ ކަމަށާއި، މިއީ ސަރުކާރުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހިންގޭނެ މަޝްރޫޢެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، އަންނަ އަހަރު ދިގުރަށުގައި ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެ ކަމަށާއި، އެ މަޝްރޫޢު ބަޖެޓުގައި ހިމަނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްގެންގޮސް ފުރިހަމަކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.