އަރިއަތޮޅު ދެކުނުބުރީ ދިއްދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ ރައީސް އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިއްދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ. މި އޭޓީއެމް މެދުވެރިކޮށް ރައްޔިތުންނަށް 24 ގަޑިއިރު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.
ބީއެމްއެލްއިން ރާއްޖޭގެ އަތޮޅުތަކުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 15 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
މި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ދިއްދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބި، އެ ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.