އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.
ސަރުކާރުގެ އަމާޒަކީ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން މިހާތަނަށް ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ވަނީ ފުލުހުންގެ ޚިދުމަތް ފަށާފައެވެ.
ފުލުހުންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމުކުރުމަކީ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ކުށްކުރުން މަދުކުރުމަށް އެހީތެރިވެގެންދާނެއެވެ.