އާރްއެސްޑަބްލިއު ސިސްޓަމްތަކާއެކު މަސްވެރިންނަށް އައިސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ލިބި އާމްދަނީ އިތުރުވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑު (އެލްއެލްއެފް) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފުކުރުމާއި، މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އާރްއެސްޑަބްލިއު މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަސްވެރި އުޅަނދުފަހަރަށް ދެމެހެއްޓެނިވި އަދި ހަކަތައިގެ ޤާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ފޯރުކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން، އުޅަނދުފަހަރަށް އައިސްޕްލާންޓްތަކަށް ބަރޯސާނުވެ ބާނާ މަހުގެ ފެންވަރު ދެމެހެއްޓުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލުކުރެވޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ.
"މިޒަމާނަށް ބަލާއިރު މަސްވެރި އުޅަނދުފަހަރުގެ ފްލީޓް އަޕްޑޭޓްކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ގިނަ އުޅަނދުފަހަރު ބަނދެފައިވަނީ އަހަރުތަކެއް ކުރިންކަމުން، އެ އުޅަނދުފަހަރު މިހާރުގެ މިންގަނޑުތަކާ ނުބައްދަލުވެދާނެ," ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
އާރްއެސްޑަބްލިއު ފަދަ އައު ނިޒާމުތަކާއި ތެޔޮ ސަލާމަތްކުރެވޭ އިންޖީނުތައް ބޭނުންކުރުމުގެ ސަބަބުން، މަސްވެރިންނަށް އިސްރާފު މަދުކޮށް، ޚަރަދު ކުޑަކޮށް އަދި ބާނާ މަހުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެކަމަށްވެސް އުންމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.