ދިއްދޫ ފުޓްސަލް ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދިއްދޫ ފުޓްސަލް ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

ހއ. ދިއްދޫ ފުޓްސަލް ދަނޑުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބޭއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ އާއި، ދިއްދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

2,340 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫގެ ޒުވާނުންނަކީ ފުޓްސަލް ކުޅުމަށް ލޯބިކުރާ ބައެކެވެ. މި ދަނޑުގެ މަސައްކަތް ނިމުމުން، ހުސްވަގުތު މުނިފޫހިފިލުވުމަށާއި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ޓަކައި، ފުޓްސަލް ކުޅޭނެ ރަނގަޅު ވަސީލަތެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑުގެ މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކާއި، ވަށާފާރު ރޭނުމާއި، ކަރަންޓުގެ މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫޢަކީ 1.74 މިލިއަން ރުފިޔާގެ އަގުގައި 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން