އދ. ފެންފުށީ ވޮލީ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އެރަށުގައި ބޭއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ފެންފުށީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
1,220 މީހުންގެ އާބާދީއެއް އޮންނަ ފެންފުށީގައި ވޮލީ ކޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން، ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް އެމްޓީސީސީން ބަޔާންކޮށްފައިވެއެވެ.
1.24 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި، ކަރަންޓު މަސައްކަތްތަކާއި، ޓާރފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ. މި މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.
މީގެއިތުރުން ފެންފުށި ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.