އދ. ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އަގަކީ 47.9 މިލިއަން ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދެވިފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު ކަމަށްވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 1.4 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ. މީގެ އިތުރުން 398 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުމާއި، 232 މީޓަރުގެ ބޮޑުހިލައިގެ ދެ ގްރޮއިން ޖެހުމާއި، 45 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ލުން ހިމެނެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން ރިވެޓްމަންޓް ބެކްފިލްކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. މި މަޝްރޫޢު ނިމުމުން ފެންފުށީގެ ދޯނިފަހަރު އެހެލާ ސަރަޙައްދު އިތުރަށް ތަރައްޤީވެ، ރަށުގެ މަސްވެރިންނާއި އާންމު ރައްޔިތުންނަށް މީގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ