އދ. ފެންފުށީ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ފެންފުށީގައި ބޭއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ތާރިޤް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ފެންފުށީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
1,220 މީހުންގެ އާބާދީއެއް އޮންނަ ފެންފުއްޓަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. މި މަރުކަޒު ޤާއިމުވުމުން ރަށުގައި އިތުރުވަމުންދާ ކުނީގެ މައްސަލަ ހައްލުވެ، ރަށް ސާފުތާހިރުވެ، ބޭރުން އަންނަ ފަތުރުވެރިންނާއި މެހުމާނުންނަށް އޭގެ ފައިދާ ކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން، މިހާރު ހުރި އޮފީސް އިމާރާތް ރެނޮވޭޓް ކުރުމާއި، ނުރައްކާތެރި ކުނި ރައްކާ ކުރާނެ ތަނެއް ޤާއިމުކުރުމާއި، ވެއަރހައުސްއެއް ޤާއިމުކުރުމާއި، ލޭންޑް ސްކޭޕިންގ މަސައްކަތްތަކާއި، ވަށާ ފާރު ރޭނުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 1.17 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން، އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.