ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ އިންޒާރުދީފައެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 2025 އޮކްޓޯބަރ 03 ވަނަ ދުވަހުގެ ރޭ މާލޭގައި، އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ، ބައެއް މީހުން ފުލުހުންނާ ކުރިމަތިލައި، ޤާނޫނާ ޚިލާފު ޙަރަކާތްތަކެއް ހިންގަން ފެށުމުން، އެ އެއްވުން ހުއްޓުވައި އަމަން ޤާއިމުކުރުމަށް މަސައްކަތްކުރި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާގައި ޢާންމުކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، "ޤާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭގޮތަށް އަދި އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ" ކަމަށެވެ.

އަދި ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވަނީ އިންޒާރުދީފައެވެ. މީގެ އިތުރުން، ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަންކަން ކަމުގައި ފުލުހުން ވަނީ ބަޔާންކޮށްފައެވެ.

މިއަދު އޮންލައިން