މާމިގިލީގައި އައިޔޫއެމްގެކެމްޕަހެއް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މާމިގިލީގައި އައިޔޫއެމްގެކެމްޕަހެއް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމެވެ.

އައިޔޫއެމްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން 5 ކްލާސްރޫމާއި މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެއެވެ. އަދި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއްވެސް މި ކެމްޕަހުގައި ތަރައްޤީކުރެވޭނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ދަރިވަރުންގެ ދަނާލަކާއި ރެކްރިއޭޝަން ފެސިލިޓީއެއް އަދި ކެންޓީނެއްވެސް ތަރައްޤީކުރެވޭނެކަމަށް އައިޔޫއެމްއިން ވަނީ ހާމަކުރައްވާފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރެއްކަމަށްވާ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ކެމްޕަސްތައް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ފެށޭ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ސަބަބުން އދ. އަތޮޅުގެ ރައްޔިތުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން