ސިއްޙީ މަރުކަޒުތަކާއި ވުޒާރާތަކާ ދެމެދު ސީދާ މުޢާމަލާތްކުރެވޭނެ ނިޒާމެއް ދަނީ ޤާއިމްކުރަމުން: ރައިސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސިއްޙީ މަރުކަޒުތަކާއި ވުޒާރާތަކާ ދެމެދު ސީދާ މުޢާމަލާތްކުރެވޭނެ ނިޒާމެއް ދަނީ ޤާއިމްކުރަމުން: ރައިސް

ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ސިއްޙީ ކަންކަމުގައި ސިއްޙީ ވުޒާރާއާއި މާލީ ވުޒާރާއާ ސީދާ މުޢާމަލާތްކުރެވޭނެ އައު ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން އިއުލާންކުރެއްވީ އދ. މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިހާރު ޢަމަލުކުރަމުންދާ ނިޒާމުގައި ސިއްޙީ މަރުކަޒުތަކުން ބޭހާއި އެހެނިހެން ސިއްޙީ ވަސީލަތްތައް ހޯދުމަށް މުޢާމަލާތްކުރަނީ ރީޖަނަލް ނުވަތަ އަތޮޅު ހޮސްޕިޓަލު މެދުވެރިކޮށެވެ. "މިކަމުގެ ސަބަބުން ބޭހާއި އެހެނިހެން ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް އަންނަނީ ފޯރަމުން" ކަމަށް ރައީސް ވިދާޅުވިއެވެ.

އައު ނިޒާމުގެ ދަށުން ކޮންމެ ސިއްޙީ މަރުކަޒަކާއި ހޮސްޕިޓަލަކަށް ސިއްޙީ ވުޒާރާއާއި މާލީ ވުޒާރާއާ ސީދާ މުޢާމަލާތްކުރެވޭނެއެވެ. މީގެ ސަބަބުން ބޭސް އަދި މުވައްޒަފުން ހޯދުމާއި އެހެނިހެން ކަންކަން ކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ޚާއްޞަ ސޮފްޓްވެއަރއެއް ތައްޔާރުކުރުމުގެ މަސައްކަތާއި، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. "ސޮފްޓްވެއަރވައިޒްކޮށް ކުރަންޖެހޭ ކަންކަން އެބަހުރި. މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް އެބަހުރި. ކޮންމެ ރަށެއްގައި ކުރަންޖެހޭ ކަންކަންވެސް އެބަހުރި" ކަމަށް ރައީސް ވިދާޅުވިއެވެ.

މި އައު ނިޒާމު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފެށޭނެ ކަމަށް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. މިއީ އައު އަހަރުގެ ބަޖެޓު ތަންފީޒުކުރަން ފަށާ ދުވަހާ ދިމާކޮށް ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމެކެވެ.

މިއަދު އޮންލައިން