ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ޤައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ޤައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ: ޤާސިމް

ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައިވާ ދަރަނިތަކުގެ ސަބަބުން ޤައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ޤާސިމް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި 132 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ދަރަނިތައް ދައްކަމުން، ޤައުމު ބަނގުރޫޓު ވިޔަނުދިނުމަށް ރައީސް މުޢިއްޒު ކުރެއްވި މަސައްކަތްތަކަކީ ތައުރީފް ހައްޤު މަސައްކަތްތަކެއް ކަމުގައި ޤާސިމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރީގެ ވެރިކަންތަކުގައި ފެނިފައިވާ ސިޔާސީ ބަދަލުހިފުމުގެ ރޫހު ރައީސް މުޢިއްޒުގެ ސަރުކާރުން ފެންނަން ނެތްކަން ޤާސިމް ފާހަގަކުރެއްވިއެވެ. "މަނިކުފާނު އެއްވެސް މީހަކާ ދިމާއަށް ކުޑައިމީސް ބަހެއް ވިދާޅުވި ބަހެއް އަޅުގަނޑު ނާހަން. އެއްވެސް ސިޔާސީ މީހަކު ދަމާފައި ގެންގޮސް ޖަލަށްލީތަނެއް އަޅުގަނޑު ނުދެކެން. ސުޕްރީމް ކޯޓުގައި ތަޅުއެޅުވިތަނެއް ވެސް ނުދެކެން،" ޤާސިމް ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ރައީސް މުޢިއްޒަށް ކުރަމުންދާ ތުހުމަތުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ މިފަދا ވާހަކަތައް ޤަބޫލުނުކުރުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.

"މި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން ފިތުނަ ފަސާދަ އުފައްދަން ދައްކާ އެއްވެސް ވާހަކައަށް ތިބޭފުޅުން އެއްގޮތަކަށްވެސް ޖަވާބު ނުދެއްވާށޭ. އަޅުގަނޑު ދަންނަވަން އޮތީ އިސްލާމްދީނާ ޚިލާފަށް އެކުލަވާލާފައިވާ ޤާނޫނުތައް އިސްލާޙް ކުރައްވާށޭ،" ޤާސިމް ވިދާޅުވިއެވެ.

މިއަދު އޮންލައިން