ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެމީހެއްގެ އަމިއްލަ މުދަލަކީ އެމީހަކު އެއްކޮށް ޖަމާކޮށްފައި ހުންނަ މުދައުކަމަށެވެ. އަޅާ ބޮޑެތި ގެތަކާ އެކައުންޓަށް ޖަމާކުރާ ފައިސާތައް ކަމަށެވެ. ނަމަވެސް ޙަދީޘްފުޅުން އެކަން އެނގެން އޮތީ އެހެން ނޫނެވެ.
ރަސުލް (ﷺ) ޙަދިޘްފުޅު ކުރައްވަވާފައި ވަނީ ހަމަކަށަވަރުން އެމީހެއްގެ އަމިއްލަ މުދަލަކީ އެމީހަކު އާޚިރަތަށްޓަކައި ހޭދަކުރި އެއްޗެއް ކަމެވެ. އަދި އާޚިރަތަށްޓަކައި ހޭދަނުކޮށް ބަހައްޓާފައިދާ މުދަލަކީ ވާރުތަވެރިންގެ މުދައު ކަމަށެވެ.
އެހެނީ އެމީހަކު މަރުވުމުން އެމީހަކާއިއެކުގައި ގެންދެވޭނީ އެމީހަކު އާޚިރަތަށްޓަކައި ހޭދަކުރި އެއްޗެކެވެ. އާޚިރަތަށްތަކައި ހޭދަނުކޮށް ދުނިޔެއަށް ދޫކޮށްފައިދާ ހުރިހާ މުދަލެއް ލިބޭނީ ވާރުތަވެރިންނަށެވެ.
މިޙަދީޘްފުޅުން އެނގިގެންދަނީ އެމީހަކު ދުނިޔޭގައި ހުރެ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުގެ މުހިންމުކަމެވެ. ފަޤީރުންނަށް އަލާލައި ނިކަމެތިންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަކީ ތިމާ ދުނިޔޭގައި ހުންނައިރު ކުރުން ކޮންމެހެން ބޭނުން ކަމެއް ކަމެވެ. "އަޅުގަނޑުމެންނަށް އޮތީ މީސްތަކުންނަށް ހެޔޮފޯރުކޮށްދިނުމާއި ހެޔޮ ގޮތުގައި ﷲގެ މަގުގައި ހޭދަކުރުމަށް އަވަސްވެގަތުމެވެ. އެހެނީ ލޯމަރައިލަން ޖެހޭނީ މާދަމާ ނޫންކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ."
--ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން