އަނިޔާވެރި ގޮތުގަ ވަރިކުރިޔަސް އަދި ވަރިވިޔަސް އަނެކާގެ ސިއްރު ބޭޒާރުކުރުމާ ދޮގު ފެތުރުމަކީ ހުއްދަ ކަމެއް ނޫން! ﷲ ގެ ރުހިވޮޑިގަތުން ގެއްލޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަނިޔާވެރި ގޮތުގަ ވަރިކުރިޔަސް އަދި ވަރިވިޔަސް އަނެކާގެ ސިއްރު ބޭޒާރުކުރުމާ ދޮގު ފެތުރުމަކީ ހުއްދަ ކަމެއް ނޫން! ﷲ ގެ ރުހިވޮޑިގަތުން ގެއްލޭނެ!

މުސްލިމުންނަށް އޮތީ އަނެކާގެ ކިބައިން ބަދަލު ނުހިފުމެވެ. އެކަން ﷲ ތަޢާލާގެ ޙަޟްރަތަށް ވަކީލުކުރީމާ ދެއްވަވާނެ އިންޞާފާ ބަދަލު މާފުރިހަމަވާނެއެވެ. ދުނިޔޭގައިކުރާނެ ފައިދާއާއި އާޚިރަތުގައި ލައްވަވާނެ ރަޙްމަތްވެސް މާބޮޑުވާނެއެވެ. އިން ޝާ ﷲ

ކައިވެނި ރޫޅުނީ ބައިވެރިޔާގެ ނުބައިކަމުން ކަމަށްވެދާނެއެވެ. އެޙާލަތުގައި ހިތަށް އަސަރުތަކެއްވެސް ކުރާނެއެވެ. ދެރަވެސް ވާނެއެވެ. އެޙާލަތުގައިވެސް ހިފަހައްތަންޖެހޭނެ އިންތަކެއް ވެއެވެ. ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލިބިގެންދާނީ އިންތަކުގައި ސާބިތުވުމުންނެވެ.

ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. ދެމީހުންކުރެ އެކެއްގެ ނުރުހުމުގައި ކައިވެނި ރޫޅެނީއެވެ. އެހިސާބުން މިކުރެވޭ ކަމަކީ އަނެކާގެ ސިއްރުތައް ބޭޒާރުކުރަނީއެވެ. ބައިވެރިޔާ އާއިމެދު ދޮގު ވާހަކަތައްވެސް ފަތުރަނީއެވެ. ނުކުރާ ކަންކަން ކުރިކަމަށް ހަދައިގެންވެސް ވާހަކަދައްކަނީއެވެ.

މީސްތަކުންނޭވެ! މިއީ ކުރެވޭ ވަރަށް ނުބައިކަން ބޮޑު ޢަމަލެކެވެ. މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެމީހަކާއިމެދު ދޮގުވާހަކަތައް ދައްކައިގެން ނުވާނެއެވެ. ދޮގު އިލްޒާމްތައް އަޅުވައިގެންނުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މީހަކު ދެކެ ކިތަންމެ ވަރަކަށް ރުޅި އައިނަމަވެސް އެމީހަކާއިމެދު އިންޞާފުން ކަންކަން ކުރުމަށެވެ. ޢަދުލަށް ޙުކުމް ކުރުމަށެވެ.

މީސްތަކުންނޭވެ! މީހަކާއި ނުރުހެވިދާނެއެވެ! ނަމަވެސް އެއީ އެމީހަކަށް ގެއްލުންދީ އަނިޔާވެރިވުން ހުއްދަވާ ސަބަބަކަށް ހަދައިގެންނުވާނެއެވެ! މިގޮތަށް ވެސް ވިސްނައިލާށެވެ! ދުނިޔޭގައި ކަން ހިނގަމުންދާގޮތަށްބަލާއިރު ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނަފްރަތުކުރެވުނު މީހެއްގެކިބައިން ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެހީތެރިކަން ހޯދަންޖެހެނީ މަދަކުން ނޫނެވެ.

ވީމާ މީހަކު ދެކެ ރުޅި އައިނަމަވެސް އެމީހަކާއި އަލުން ކުރިމަތިނުލެވޭނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާށެވެ! ދިރިއުލުމުގައި ދިމާވާ ގޮތަކުން ދެމަފިރިން ވަކިވާން ޖެހުނު ނަމަވެސް ޖިތްހެޔޮކަމާއިއެކު އެކަންކުރާށެވެ! އަދި އެކަމުން ތިމާއަށް ގެއްލުން ލިބުނު ނަމަވެސް އަނެކާގެ ކަރާމާތަށް ގެއްލުން ނުދޭށެވެ! ދޮގު ވާހަކަތައް ފަތުރައި އެނާގެ އަބުރު ގެއްލުވައިނުލާށެވެ!

އެއިރުން ކުރާ ފައިދާ ހުރިހާ ގޮތަކުންވެސް މާބޮޑުވާނެއެވެ! ފާފަވެރިނުވުމުގެ އިތުރުން އކަމުގެ ފައިދާ ދުނިޔޭގައިވެސް ކުރާނެއެވެ! އިން ޝާ ﷲ

----މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން