ވަކި މީހަކަށް ނޫނެވެ!. އެއްވެސް މީހަކަށް ހިތުގައި ހަސަދަލައިގެން ހުންނަ މީހެއްގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ނުދެއްވަވާނެތެވެ. އެމީހާ ހިމެނިގެންދާނީ ﷲ ތަޢާލާ ފާފަ ފުއްސަވައި ނުދެއްވަވާނެ މީހުންގެތެރެއިންނެވެ.
ވީމާ ވަކިމީހަކަށް ނޫނެވެ! ހަމަ އެކަކަށްވެސް ހަސަދަވެރިނުވާށެވެ! އެމީހާ ކިތަންމެ ނުބައިކަމެއް ކުރިނަމަވެސް އެމީހާގެ މައްޗަށް ހަސަދަނުލާށެވެ! އެފަދަ ކަންކަން ހިތުގައި ނުބާއްވައި އަވަހަށް ހިތުން ފުހެލާށެވެ!
އޭނާ ކުރީ ކިތަންމެ ބޮޑު ކުށަކަށްވެސް ވެދާނެއެވެ. އަދި ކިތަންމެ ބޮޑު ފާފައަކަށްވެސް ވެދާނެއެވެ. ރުޅި އަންނަނަމަ އެމީހާ ކުރި ޢަމަލު ދެކެ ރުޅި އަންނާށެވެ! އެމީހާ ދެކެ ރުޅި ނުއަންނާށެވެ!
ބައެއް މީހުން ކައިވެނި ރޫޅެން ދިމާވެއްޖެނަމަ ބައިވެރިޔާގެ މައްޗަށް ހިތުގައި އެބަ ހަސަދަލައެވެ. އޭނާއަށް ރަނގަޅު ގޮތެއް މެދުވރިނުވުން އެދި ދުޢާކުރެއެވެ. އަދި މުޅި އުމުރަށް ރުޅިވެރިކަން އެބަ ބާއްވައެވެ. ފަހުން ބައްދަލުވުމުންވެސް ކުނި މޫނުދައްކައެވެ. ސަލާމް ގޮވުމުން ސަލާމް ބަލައި ނުގަނެވެސް އެބަ ތިބެއެވެ. މިއީ ވަރަށް ހިތާވެރިކަމެކެވެ.
އޭނާ ތިބާއަށް ދިނީ ވަރަށް ބޮޑު ދެރައެއް ނުވަތަ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށްވެސްވެދާނެއެވެ. އުފުލަން ޖެއްސުވީ ވަރަށް ބޮޑު ތަކްލީފެއް ކަމުގައިވެސް ވެދާނެއެވެ. އަދި މާލީ ގޮތުން ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ. އެހާލަތުގައިވެސް ހިތުގައި ހަސަދަވެރިކަން ނުބާއްވާށެވެ! އޭނާއަށް ހެޔޮގޮތް މިންވަރުކުރެއްވެވުން އެދި ދުޢާކުރާށެވެ! އޭނާ އިޞްލާޙްވެއްޖެނަމަ ގުޅުން ބަދަހިކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ތިމާ ޢަމަލުކުރުމުން ތިމާއަށް ދެއްވަވާނެ ނިޢްމަތްތަކަށް އެދިއެދި ހުންނާށެވެ!
މީހަކު ނުބައި ޢަމަލުތައް ކުރާނަމަ ނަޞޭޙަތްދޭށެވެ. ޤަބޫލުނުކުރާނަމަ އެމީހަކާއި ދުރުހެލިވެހުންނާށެވެ! އެފަދަ ކަމަކާއި ގުޅިގެން ނަމަވެސް ހިތުގައި ޙަސަދަވެރިކަން ނުބާއްވާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން