ކޮންމެ ދުވަހަކު ބައްދަލުވާ ޝައިޠޯނުންތައް އަންނަނީ ގިނަވަމުން! ބައްދަލުވީ ޝައިޠޯނަކާކަން ނުވަތަ ނޫންކަން މިކަންކަމުން އެނގޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ކޮންމެ ދުވަހަކު ބައްދަލުވާ ޝައިޠޯނުންތައް އަންނަނީ ގިނަވަމުން! ބައްދަލުވީ ޝައިޠޯނަކާކަން ނުވަތަ ނޫންކަން މިކަންކަމުން އެނގޭނެ!

ޢާންމު ގޮތެއްގައި ޝައިޠާނާ އަހަރެމެން މިކިޔަނީ އިބިލީހުގެ ބައިވެރިންގެ ތެރެއިން މީސްތަކުންގެ ލޯތަކަށް ނުފެންނަ ޖިންނި ޝައިޠާނުންނަށެވެ. ނަމަވެސް ޝައިޠާނާއަކީ ކޮންމެހެން ޖިންނިއަކަށްވާކަށް ނުޖެހޭނެއެވެ. އިންސާނުންގެ ތެރޭގައި ވެސް ޝައިޠާނުންތައް ބައިވަރެވެ.

ޝައިޠާނާގެ ކިބައިން ސަލާމަތް ވެވޭނީ ޝަޠާނާއަކީ ކޮބައިކަން ދަސްކޮށްގެންނެވެ. ވީމާ އަހަރެމެން ކޮންމެ މީހަކީވެސް ޝައިޠާނާ އަކީ ކޮބައިކަން ވަރަށް ރަނގަޅަށް ދަސްކުރަން ޖެހޭނެ މީހެކެވެ.

އެންމެ ފުރަތަމަ ބަލަންވީ ޝައިޠާނާގެ މާނައަށެވެ. ޝައިޠާނާގެ މާނައިގައި، އީމާން ނުވާ މީހާ، ކުފުރުވާ މީހާ، މީސްތަކުން ލައްވައި ނުބައި ކަންތައްތައް ކުރުވާ މީހާ އަދި އެކަމަށް ހިތްވަރުދޭ މީހާ ހިމެނެއެވެ. ވީމާ އެމީހެއްގެ ކިބައިގައި މިފަދަ ސިފަތައް ހުރި ނަމަ އެއީ އިންސާނެއް ކަމަށްވީނަމަވެސް އަދި ޖިންނިއެއް ކަމަށްވީ ނަމަވެސް އެއީ ޝައިޠާނެކެވެ.

މިހާރުގެ ބައެއް އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޙަޤީޤީ ޝައިޠާނަކީ އިބިލީސް އެކަންޏެވެ. ދެން އުޅޭ ޝައިޠާނުންނަކީ ޖިންނިންނާއި އިންސީންގެތެރޭގައިވާ ބައެކެވެ. މިސާލަކަށް އެއްވެސް ފާފައެއް ކުރުމަށް އެއްވެސް މީހަކަށް ދައުވަތުދޭނަމަ އެމީހާޢަކީ ޝައިޠާނެކެވެ. އެއްވެސް ފާފައެއް ކުރަން މީހަކަށް މަގުފަހިކޮށްދޭނަމަ އެއީ ޝައިޠާނެކެވެ.

މިމޭރުމުން ބުނެވޭ ބުމުގައި ހަޤީޤަތެއްވެސް އެބަ އޮވެއެވެ. އެހެނީ އިންސާނުންގެ ތެރެއިންވާ ޝައިޠާނުން އެބަ ތިބި ކަމާއި ތިބޭނެކަން ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އަދި ކީރިތި ޤްރްއާނުން އެނގޭ ގޮތުގައި ކޮންމެ މީހެއްގެ ކިބައިގައިވެސް ޝައިޠާނީ ބާރުތަކެއް ވެއެވެ. އެމީހަކު އެ ބާރުގެ ބޭނުން ހިފަން އިޚްތިޔާރުކޮށްފިނަމަ ކޮންމެ މީހަކަށްވެސް ހިފޭނެއެވެ.

ބަންގި ގޮވުމުން ނަމާދުކުރަން ހުރަސްއެޅޭ ގޮތަށް އެފަދަ ކަންކަން އެކުރަނީ ހަމަ އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠާނުންނެވެ. ވީމާ ބަލަންވީ އޭނާ އަށް ކިޔާ ނަމަކަށް ނޫނެވެ. ހައްވާ، މޫސާ، ޒަކަރިއްޔާތޯއެއް ނޫނެވެ! ބަލަންވީ އެފަދަ މީހުންނާއި ދުރުހެލިވުމަށެވެ. އާޚިރަތް ހާޞީލކު ކުރެވޭނީ ޝައިޠާނުންނާއި ގުޅުން ކަނޑާލައިގެންނެވެ.

އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަން އިބިލީހަށްވުރެ އެތައް ގުނައަކަށް ނުބައިކަން ބޮޑު ކަމަށް ބުނުމުން ބައެއް މީހުން ހިތް ހަމަ ނުޖެހިގެން ސުވާލުވެސް ކުރެއެވެ. "އެއީ ލަޢްނަތް ލެއްވެވި އިބިލީސް ނޫން ހެއްޔެވެ؟ އަހަރެމެންނަކީ އިންސާނުންނެވެ. އަހަރެމެންނަކީ ލަޢްނަތް ލެއްވިގެންވާ ބައެއް ނޫނެއް ނޫންހެއްޔެވެ؟" މިފަދަ ސުވާލުތައް ކުރެއެވެ.

އެފަދަ ސުވާލުތައް އުފެދޭ މީހުން ވިސްނައިލާށެވެ. އަހަރެމެން އަޢޫޛް ކިޔުމުން ޝައިޠާނާ ދުވެ ފިލާނެއެވެ. ނިކަން އިންސާނީ ޝައިޠާނެއްގެ ގާތު ހުރެ 3000 ފަހަރު ޞަލަވާތް ކިޔަވައި ބަލާށެވެ! އެންމެ އިންޗިއަކަށްވެސް ގުޑައި ނުލާނެވެ. ބަނަގީގެ އަޑު އިވުމުން އިބިލީސް ދުވެ ފިލައެވެ. އިންސާނީ ޝައިޠާނެއްގެ ގާތުގައި ހުއްޓާ ބަންގިގޮވާ އަޑު އިވިގެން މިސްކިތަށް ދާން އުޅުނު ނަމަވެސް ހިފަހައްޓާނެވެ. "ފްރެންޑް! ފްރެންޑް!" ކިޔައި ހައްދައިގެން މިސްކިތަށް ދިއަ ނުދީ ހިފަހައްޓާނެއެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން