ތިބާ އީމާންވެގެން ހުރިކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. ވިސްނައިލަންވީ އީމާންވުމުގެ ފުރިހަމަ މާނައަށެވެ. އެއރުން ފާފަނުކުރަން މަސައްކަތްކުރުމަކީ އީމާންކަން ފުރިހަމަކުރަން ކުރަންޖެހޭ ކަމެއްކަން ވިސްނޭނެއެވެ. އިން ޝާ ﷲ.
ބައެއް ޒާތުގެ ފާފަތައް ކުރަން ދެވި ހިފާފައި ތިބޭ މީހުންގެ ގާތުގައި އެފާފައެއް ނުކުރަން ބުނެފިނަމަ އެބަ ބުނެއެވެ. "ﷲ ތަޢާލާއީ ދީލަތިވަންތަ ރަސްކަލާނގެއެވެ. އަހުރެންގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ."
މިކަން މިހެން މިދިމާވާ އެންމެ ޢާންމު ސަބަބަށް ބަލައިލަމާ ހިނގާށެވެ!
ޝައިޠޯނާ އައިސް ފާފަކުރަން ވަސްވާސްދެނީއެވެ. ވަސްވާސް ދީދީވެސް އޭނާ އެފާފައެއް ނުކުރިއެވެ. އެއީ އޭނާއަށް ﷲ ތަޢާލާ ދެއްވަވައިފާނެ ޢަޛާބަށް ބިރުންނެވެ. އެިހިސާބުން ޝައިޠޯނާގެ ވަސްވާސްދިނުން އެހެން މިސްރާބަކަށް ބަދަލުކޮށްލާނެއެވެ!
ބުނާނެއެވެ! "ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެ ނޫންހެއްޔެވެ؟ ފާފައެއް ކުރެވުނަސް ތައުބާވުމުން ޢަފޫކުރައްވަވައި ދެއްވަވާނެ ނޫންހެއްޔެވެ؟ އެހެންވީއިރު ތިބާގެ އުފަލަކަށް އެންމެ ފަހަރަކު ފާފައެއް ނުކުރަންވީ ކީއްވެގެންހެއްޔެވެ؟"
ﷲ ތަޢާލާގެ މަތިވެރި ނަންފުޅު ބޭނުންކޮށްގެން ޝައިޠޯނާ ދޭ ވަސްވާސްތަކަށް އަހުރެމެންނަށް ހެއްލެވެނީއެވެ. ފުރަތަމަ ފާފަކުރަނީ އެންމެ ފަހަރަކު ކޮށްލުމުގެ ބޭނުމުގައެވެ. އެންމެ ފަހަރަކު ކުރެވުމުން އެކަމުން ލިބުނު ހިތްހަމަ ޖެހުމަށް ދަހިވެތިކަން ބޮޑުވެ ދެވަނަ ފަހަރުވެސް ކުރެވެނީއެވެ. 3 ވަނަ ފަހަރުވެސް ކުރެވެނީއެވެ. އެގޮތަށް ފާފަކުރެވެމުން ގޮސް ފާފަކުރަން ދެވިހިފަނީއެވެ.
ވިސްނައިލާށެވެ! ޝައިޠޯނާ ބުނާނީ ފާފައެއް ކުރިނަމަވެސް ކަމަކަސް ނޫނެވެ. ފާފައެއް ކުރެވުނަސް ކަމަށެވެ. ފާފަކުރުމާއި ކުރެވުމާއި އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި މުޅިން ތަފާތު ދެކަމެއްކަން ޝައިޠޯނާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ވީމާ ވަސްވާސްދިނުމުގައިވެސް ޝައިޠޯނާ ބޭނުން އެކުރަނީ ވަރަށް ވަރުގަދަ އުކުޅެކެވެ. އޭނާގެ ހިތް ލަންބުވައިލެވޭނެ އުކުޅަކަށެވެ.
އެއްވެސް ޝައްކެއް ނެތެވެ. ތައުބާވުމުން ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. ނަމަވެސް އެއިގެ މާނައަކީ ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވަވާނެކަމަށް ޔަޤީންކޮށްގެން ފާފަކުރުން ކަމުގައި ނުހަދާށެވެ! އެކަން ވެގެންދާނީ ކުރެވޭ ވަރަށް ނުބައި ޢަމަލަކަށެވެ.
މީސްތަކުންނޭވެ! ފަހުން ތައުބާވާން ހިތުގައި ބާއްވައިގެން ފާފަކުރާ ކިތައް މީހުންނަށް ތައުބާ ނުވެވިގެން އުޅެނިކޮށް މަލަކުލްމައުތު އާއި ބައްދަލުކުރަން އެބަޖެހޭ ހެއްޔެވެ؟ މިބުނަނީ މަރުވުމުގެ ވަޤުތު އައިސް ބައްދަލުކުރުމުން ދުނިޔެ ދޫކުރަންޖެހޭ ވާހަކައެވެ.
ވީމާ ﷲ ތަޢާލާ ފާފަ ފުއްސަވައިދެއްވަވާނެކަމަށް ބަލައިގެން ޤަޞްދުގައި ފާފަ ނުކުރާށެވެ! އެއީ ކުރެވޭ ވަރަށް ނުބައިކަން ބޮޑު ފާފައަކަށް ނޫނީ ނުވާނެއެވެ. ވީމާ ކޮންމެ މުސްލިމަކުވެސް މިކަމަށް ސަމާލުކަންދޭށެވެ.
- މުފްތީ މެންކުގެ ދަރުސަކުން