މައްސަލައަކަށް ވެގެން މިއުޅެނީ މަހަކު ކައިވެންޏެއް ކުރުމަށް ކުޅަދާނަވެފަ ކައިވެނީގަ ލިބޭ ދަރިންނަށް ޚަރަދުކުރަން ނުކުޅެދުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
މައްސަލައަކަށް ވެގެން މިއުޅެނީ މަހަކު ކައިވެންޏެއް ކުރުމަށް ކުޅަދާނަވެފަ ކައިވެނީގަ ލިބޭ ދަރިންނަށް ޚަރަދުކުރަން ނުކުޅެދުން!

ކައިވެނި ރޫޅައިލިނަމަވެސް ލިބިފައި ތިބި ދަރިންނަށް ޚަރަދުކުރަން ބުނުމުން ރުޅިއަންނަ ބައަކު އުޅެއެވެ. ކައިވެނި ރޫޅުނީ އަނބިމީހާގެ ސަބަބުން ކަމަސްބުނެ އަނބިމީހާ ކުށްވެރިކުރެއެވެ. އަހުރެން މިއުޅެނީ އަނބިމިހާ ނުވަތަ ފިރިމީހާ ކުށްވެރިކުރާކަށް ނޫނެވެ. ކުސްކުރި މީހާ ހޯދާކަށްވެސް ނޫނެވެ. އަހުރެން ބޭނުންވަނީ ކޮންމެ މީހެއްގެ ކުށުން ކައިވެނި ރޫޅުނަސް ލިބިފައި ތިބި ދަރިންގެ ޚަރަދުތައް އެމީހަކަށް ލިބޭ މިންވަރަކުން އެންމެ ރަނގަޅަށް ބަލަހައްޓަން ބުނުމަށެވެ.  

ދަރިންގެ ޚަރަދުނުދޭތީ ކޯޓަށް ގެންދިއައިމަ މާލީ ދަތިތަކުގެ ވާހަކަ ދައްކާފައި އަނެއް ދުވަހު ހަމައެކޯޓަށް ދެއަންތބަށް ކައިވެނިކުރަން، ނުވަތަ 5 ދަރިންގެ މަންމައަކާ ކައިވެނިކުރަން  ފޯމުލީމާ އެއީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް ބުނުމަށެވެ. އެކަމަށް ކޯޓުން ހުރަސްއެޅީމާ ކުރަން އޮތްކަމަކީ ކޯޓު ކުށްވެރިކުރުން ނޫންކަމަށް ބުނުމަށެވެ.  

އަހުރެންގެ ވާހަކަކޮޅޫ ފަށާނީވެސް ވަރިކުރުމަށްފަހުގައާއި ކައިވެނިކޮށްގެން ތިބެވެސް އެމީހަކަށް ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދުކުރާ ބައްޕައިންނަށް ތައްރީފްކޮށް ހެޔޮދުޢާކުރަމުންނެވެ. އެމީހުންނަށް މާތް ﷲ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! އާމީން  

ތަންކޮޅެއް ކުރީގެ ޒަމާންތަކަށް ބަލައިފިނަމަ ކައިވެންޏަށްފަހު އަނިޔާވެރިވާ މީހަކު މުޖުތަމަޢުން ބާކީކޮށްލައެވެ. އެމީހެއްގެ ސަބަބުން 2 ވަނަ ކައިވެންޏެއް ރޫޅޭ ހިސާބުން މުޖުތަމަޢުގައި އޭނާ ބްލެކްލިސްޓްކުރެއެވެ. އެއިރު އެކަން އެގޮތަށް ކުރެވުނީ މުޖުތަމަޢުތައް ކުޑަވެފައި މުޖުތަމަޢުތަކުގައި ހިނގާ ކަންކަން އެންމެންނަށްވެސް އެނގޭތީއެވެ.   

މިއަދު މުޖުތަމަޢުތައް މިވަނީ އާބާދީ އިތުރުވެ ބޮޑުވެފައެވެ. ގޭބިސީތައް ގިނަވެ ކުދިކުދި ސަރަޙައްދުތައް އެތައް މޭލަކަށް ފެތުރިފައެވެ. އެކަކު އަނެކަކަށް އެނގެނީ މަދުމީހަކަށެވެ. އެހެންކަމުން މީސްމީހުންގެ ޙަޤީޤަތް އޮންނަނީ ނުއެނގިފައެވެ. 

ވިސްނާލަންޖެހޭ ކަމަކީ އެއިރުވެސް ކައިވެނީގެ ތެރެއިން ޙާޞިލްކުރަން ބޭނުންވި ކަންކަމަށް މިއަދުވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމެވެ. އެއިގެ ތެރެއިން އެންމެ މުހިންމު ކަމަކީ ދަރިން ލިބުމުން ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. އެއަށްވުރެ މުހިންމު ހަމަ އެއްވެސް ކަމެއް ނެތެވެ. އެއިރުވެސް މިހާރަކުވެސް ނެތެވެ. މިއީ ހެޔޮ ގޮތުގައި ކަންކަމަށް ވިސްނާ ހަމައެކަކުވެސް ދެބަސްވާނެ ކަމެއް ނޫނެވެ.  

ދަރިން ލިބުމުން ދަރިންނަށްޓަކައި ޤުރްބާންކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއިގެ ތެރޭގައި ތިމާގެ އަމިއްލަ ބައެއް އުފާތައް ހިމެނެއެވެ. އަމިއްލަ ހިތްހަމަޖެހުމުން ބައެއްވެސް ހިމެނިގެންދެއެވެ. މިއަދު ވެގެން މިއުޅޭ ގޮތަކީ ދަރިން ނިކަމެތިކޮށްލައި މަގުމަތިކޮށްލާފައިވެސް އަމިއްލަ އުފާތަކަށް އިސްކަން ދެވެނީއެވެ.  

އެކުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިއްޖެ ޙާލުގައި ކައިވެނި ރޫޅައިނުލާކަށް ނުބުނާނަމެވެ. ނަމަވެސް ކައިވެނި ރޫޅައިލާ ސަބަބަކީ ތިމާއަށް އުފާވެރިކަން ހޯދުން ކަމުގައި ހަދައިފިނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށެކެވެ. އެހެން ބުނަން މިޖެހެނީ އަމިއްލަ އުފަލަށްޓަކައި ދަރިން ނިކަމެތިކުރާ މީހުންގެ ތެރެއިން ހާހަކުން މީހަކަށްވެސް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭތީއެވެ. ފަހުން ހިތާމަކޮށް ކަރުނައަޅަން ޖެހޭތީއެވެ.  

ދެން އޮތީ ކުރިން ބުނިފަދައިން ސަބަބުތައް ގިނަވެ ދެން އެހެން ގޮތެއް ނެތިގެން ކައިވެނި ރޫޅައިލަންޖެހޭ ޙާލަތުގައި ދަރިންގެ މައްސަލައެވެ. އެފަދަ ޙާލަތެއްގައި ކައިވެނި ރޫޅައިލި ނަމަވެސް ދަރިންނާއި ވަކިނުވާށެވެ. ދަރިންގެ ކަންކަން ވީ އެންމެ ރަނގަޅަކަށް ބަލަހައްޓާށެވެ! އެއީ ގަދަ އަމުރުފުޅަކުން އަހުރެމެން އެންމެންގެ މައްޗަށް އޮތް އަމުރެކެވެ. ކިޔަމަންތެރިވެ ޢަމަލުކޮށްފި މީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން