ބުރަކޮށް މަސައްކަތްކުރާ ވަރަށް ގިނަ ފިރިހެނުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ އެމީހުން ބުރަކޮށް މަސައްކަތްކޮށް ފައިސާ ހޯދައި އަނބިމީހާގެ ބޭނުންތައް ފުއްދައިދިންނަމަވެސް އަނބިން އެމީހުން ދޫކޮށްލައި އެހެން ގޮތެއް އިޚްތިޔާރުކުރާ މައްސަލައެވެ.
އެހެންކަމުން އެމީހުންގެ އަނބިންނަކީ ޝުކުރުވެރިނުވާ، އަދި ޚިޔާނާތްތެރިންކަމަށްވެސް ބުނެވެއެވެ. ސުވާލަކީ މިއީ ހަމަ ރަނގަޅު ޝަކުވާއެއް ހެއްޔެވެ؟ އެކުރަނީ ހަމަ ރަނގަޅު ތުހުމަތެއް ހެއްޔެވެ؟
ޝަކުވާ އެއިގެ ޒާތަށް ބަލައިފިނަމަ އެއީ ހަމަ ޙަޤީޤަތެއް އޮންނަ ކަމެކެވެ. ނަމަވެސް އެކުރާ ތުހުމަތަކީ އެއިގެ ޒާތުގައި ރަނގަޅު ތުހުމަތަކަށް ނުވެހިނގައިދާނެއެވެ.
އެފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އެކަމަށް އިންކާރުކުރާކަށް ނެތީމެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ޙަޤީޤަތްތަކެއް އެބަހުއްޓެވެ. ފަރުވާ ބޭނުންވާ މައްސަލައެއް އެބަ އޮތެވެ.
މިޘާލަކަށް ކިތަންމެ ތެދުވެރި އަންތބަކު ނަމަވެސް އޭނާއަށް ބޭނުންވާ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން ނުލިބޭނަމަ ފުދިގެން އިންނަން ބޭނުން ނުވާ އަނބިންވެސް ތިބޭނެއެވެ. ޚާއްޞަކޮށް ތެދުވެރި ވަފާތެރި އަނބިން ކެތްތެރިވާން ބޭނުން ނުވާ ކަންތައްތަކެއް ހުންނާނެއެވެ.
އެއިގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ފިރިމީހާގެ ވަޤުތެވެ. އަނބިމީހާ ބޭނުންވާވަރަށް ނުދެވުނަސް، އެންމެ ކުޑަމިނުން ފުދޭވަރަށް ވަޤުތު ނުދެވޭނަމަ ތެދުވެރި ވަފާތެރި އަނބިން އެފަދަ ފިރިއަކާއިއެކު ދިރިއުޅޭކަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެމީހުން ކައިވެނިކުރަނީ ފިރިމީހާގެ މުދަލާއި ތަނަވަސްކަން އަދި ދޭނެ ހަދިޔާތަކަކަށް ނޫނެވެ.
ފިރިމީހާ އާއިއެވެ. ފިރިމީހާ، ފިރިމީހާއަށް މިވަނީ އަނބިމީހާއަށް ބޭނުންވާ ވަރަށް ވަޤުތު ދެވޭނަމައެވެ. އެންމެ މަދުމިނުން ފުދޭވަރަށް ވަޤުތު ދެވޭނަމައެވެ. ވަޤުތު ނުދެވޭނަމަ ފިރިމީހާ އެވަނީ ފޭލްވެފައެވެ.
ވީމާ އަހުރެން ބުނާނީ އަނބިންނަސް ވަޤުތު ނުދެވޭ ފިރިން، އެމީހުންގެ އަނބިން އެމީހުންނާއި ވަކިވެގެންދާތީ އެއަނބިންނަށް ނުބައި ތުހުމަތުތައް ނުކުރާށެވެ. ކުށްވެރިވެސް ނުކުރާށެވެ. އަނބިމީހާ އެމީހަކާއި ވަކިވެގެން އެދަނީ ޚިޔާނާތްތެރިވާން ބޭނުންނުވާތީއެވެ. ބޭވަފާތެރިވާން ބޭނުންނުވާތީއެވެ.
ދެން އޮތީ ޙައްލެވެ. އަނބިންނަށް ވަޤުތު ނުދެވޭ ފިރިންނަށް އޮތީ އެމީހުން ދޭ އެއްޗެއްސަށް ރުހިގެން އިންނާނެ އަންތބަކު ހޯދުމެވެ. ނަމަވެސް ވިސްނާށެވެ. އެގޮތަށް ފުދިގެން އިންނަ އަންތބަކު ތިމާއަށް ތެދުވެރިވެ ވަފާތެރިވާނެ ކަމަށް ދެކެގެން ނުވާނެއެވެ. ޙިއްޞުތައް ސަލާމަތުން ހުންނަ އަނބިންނަށް ވަޤުތު ނުދެވޭނަމަ މައްސަލަތައް ކުރިމަތިވާނެ ކަމަށް ޤަބޫލުކުރަންވާނެއެވެ.
ވީމާ ފިރިންނަށް އޮތީ މިކަންކަމަށް ވިސްނައިގެން ކައިވެނިކުރުމެވެ. ދިރިއުޅެވޭނީ އެއިރުންނެވެ.
--އަލަފް