ކޮންމެ މީހަކަސްވެސް ދުލެއް ދެއްވަވާފައި އޮތުމުން އެމީހަކު ބޭނުންވާ ގޮތަކަށް ވާހަކަދެއްކިދާނެއެވެ. އެހެން މީހުން ކުށްވެރިކުރަން ވަރަށް ފަސޭހަވާނެއެވެ. އުނދަގޫވެގެން މިއުޅެނީ އެމީހަކު ނަގަންޖެހޭ ޒިންމާ ނެގުމެވެ.
އަންހެނުން ޙިޖާބް ނުއަޅާތީ އަހުރެމެން ފިރިހެނުން ވަރަށް ގިނައިން ވާހަކަދައްކަމުއެވެ. ކަންބޮޑުވަމުއެވެ. މިފަދަ ވާހަކަތައް ދައްކާއިރު ގިނަ ފިރިހެނުންނަށް ޤަބޫލުނުކުރެވޭ ކަމަކީ ފުރަތަމަ ރައްކައުތެރިވާންޖެހޭ ބައަކީ ފިރިހެނުން ކަމެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ. ތަރުތީބުވެގެންވަނީ މިމަގުންނެވެ.
"މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠާހިރު ކަން ބޮޑެވެ. ހަމަކަށަވަރުން، ﷲއީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
(އަންނޫރު: 30)
"އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ."
(އަންނޫރު: 31)
އެކުވެރިންނޭވެ! ތަރުތީބުން ބަލާށެވެ! ފުރަތަމަ އަމުރުފުޅު އެއޮތީ ފިރިހެނުންނަށެވެ. އަންހެނުންނަށް އަމުރުފުޅު އެއޮތީ އެއިގެ ފަހަތުންނެވެ. މިއީ އިއްތިފާޤެއް ނޫނެވެ. ﷲ ތަޢާލާ އެކަން ތަރުތީބުކުރެއްވެވި މަގެވެ. އެކަމަށް ބަޙުސްކުރުމެއް ނެތެވެ. އެއީ ބަޙުސްކުރެވޭނެ ކަމެއް ނޫނެވެ.
ބެލުންތައް ތިރިކުރުމަށް އޮތް އަމުރުފުޅު އެއޮތީ ﷲ ތަޢާލާއަށް އީމާންވެގެންހުރި ކޮންމެ މީހަކަށެވެ. ވީމާ އެއްވެސް މުސްލިމަކަށް ތިމާއަށް ތިމާގެ ހަވާ ނަފްސް ކޮންޓްރޯލް ކުރެވޭނެ ކަމަށް ބުނެ ﷲ ތަޢާލާގެ އަމުރުފުޅާއި ޚިލާފުވުމެއް ނެތެވެ. އެއިރުން އެމީހަކަށް އެދެވެނީ އިމުން ބޭރަށެވެ. އެހެން ނޫންނަމަ "ކެތްތެރި، ތަޤްވާވެރިން" އެ އަމުރުފުޅުން އިސްތިސްނާ ކުރެއްވެވީހެވެ.
ފުރަތަމަ ޙިޖާބް އަޅަންވީ ފިރިހެނުންކަމަށް މިބުނާ ބަހުގެ ލަފްޒީ މާނައަށް ނުބަލާށެވެ! އެއީ ފިރިހެނުން މޫނުބުރުގާއަޅާ ވާހަކައެއް ނޫނެވެ. ފިރިހެނުން ޙިޖާބް އަޅަން މިބުނާ ބަހުގެ މާނައަކީ ﷲ ތަޢާލާގެ އަމުރުފުޅަށް ބިރުވެތިވެ ބެލުންތައް ތިރިކުރުމެވެ. މައްސަލައަށް ޙައްލެއް ހޯދޭނީ އެއިރުންނެވެ. ﷲ ތަޢާލާގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިވުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން