ހެޔޮލަފާ އަނބިން ނިކަމެތިކުރާ ފިރިންނަށް ފަހުން ކުރަންޖެހޭ ހިތާމަ ބޮޑުވެ ކަރުނައަޅަންޖެހޭކަން އެނގިގެންދާ ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ހެޔޮލަފާ އަނބިން ނިކަމެތިކުރާ ފިރިންނަށް ފަހުން ކުރަންޖެހޭ ހިތާމަ ބޮޑުވެ ކަރުނައަޅަންޖެހޭކަން އެނގިގެންދާ ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކަ-

ކައިވެންޏަށް އަދި އެންމެ 5 އަހަރެވެ. 2 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާ މިހާރު ބުނަނީ ލޯބިނުވާކަމަށާއި ވަރިވެގެން އަވަހަށް ދިއުމަށެވެ. ނޫންނަމަ ވަރިކޮށްފައި ފޮނުވައިލާނެ ކަމަށެވެ. ވަރިވެގެން ގޮސް ވަންނާނެ ތަނެއް ނެތީމާ ވަރިކުރަންދެން ކެތްތެރިވާން މިއަންނަނީ މަސައްކަތްކުރަމުންނެވެ.

އަޅުގަނޑުގެ ސުވާލަކީ ލޯބިވެގެން ކައިވެނިކޮށްފައި ދަރިން ލިބުނީމާ ލޯބިނުވާންފެށުމަކީ އަޅުގަނޑުިގެ ކުށެއްތޯއެވެ؟ އެއީ އަޅުގަނޑު ދެރަކޮށް ނިކަމެތިކުރަން ޖެހޭ ސަބަބެއްތޯއެވެ؟  

ކިޔުންތެރިޔާއެވެ! ތިއަކަމުގައި ކިޔުންތެރިޔާގެ އެއްވެސް ކުށެއް ނެތެވެ. އަނިޔާވެރިވާ މީހުންނަށް އެކަމުގެ ރަހަ ދައްކަވާނެތެވެ. ފަހުވަޤުތާއި ހަމައަށްވެސް ދުޢާކުރުންމަތީގައި ކެތތެރިވެލާށެވެ! ވަރިކޮށްފިނަމަ މާ ރަނގަޅު ގޮތް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ  

ތިރީގައިވާ ޙާދިސާއިން ހިތްވަރު ޙޯއްދަވާށެވެ!   

ފިރިމީހާއަށް ބާރު އޮންނާތީ ބައެއް ފިރިން ކަންކަންކުރަނީ ހިތަށް އެރި ގޮތަކަށެވެ. ޚާއްޞަކޮށް ދެރަ ނިކަމެތި އަނބިންނާއިމެދު ކަންކަން ކުރަނީ އެފަހަރަކު ޢަމަލުކުރަން ބޭނުންވި ގޮތަކަށެވެ.  

އެގޮތަށް ކަންކަން ކުރުމުން ބައެއް ފަހަރު ވަރަށް ދެރަ ނިކަމެތި ގޮތްތައްވެސް ކުރިމަތިވެއެވެ. ރަނގަޅު އަނބިން ނުބައިމަގުންވެސް ދެއެވެ. އަދި އަނިޔާވެރިވާ ފިރިންނަށް ކެތްކުރަން އުނދަގޫ ޙާލަތާއިވެސް ކުރިމަތިލާންޖެހެއެވެ. އެކަމުގެ ހިތާމައިގައި މުޅި ޢުމުރު ހޭދަކުރަންވެސް ޖެހެއެވެ.  

އަޅުގަނޑަކީވެސް ކައިވެންޏަށް 10 އަހަރުގައި 2 ދަރިންނާއިއެކު މަގުމަތިކޮށްލެވުނު އަންހެނަކީމެވެ. ދަރިން ބަލައި ބޮޑުކުރީ އެކުވެރިއެއްގެ ޣޭގައި ނޯކިރީކޮށްދީގެންނެވެ. މިހާރު ދެ ދަރިން ބޮޑުވެ ވަޒީފާގައެވެ. 2 ދަރިން އުޅެނީ ދެބެއިންވެގެން ފްލެޓެއް ގަނެގެން އެކުގައެވެ. ކައިވެނިވެސް ކޮށްގެންނެވެ. ދެބެއިންވެސް އެކުދިންގެ އަނބިންވެސް އަޅުގަނޑާއިމެދު ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. އެހެންވެ އަޅުގަނޑު މިއިންނަނީ ވަރަށް އުފަލުގައެވެ.  

އަޅުގަނޑު ނިކަމެތިކޮށްލި ފިރިމީހާގެ ޢުމުރުން މިހާރު 50 އަހަރުން މަތިވާނެއެވެ. ދާދިފަހުން އޭނާއަށްވަނީ ވަރަށް ހިތާމަވެރި ޙާލަތެއް ކުރިމަތިވެފައެވެ. އެހެންވެ އަޅުގަނޑަށް ގުޅާފައި ކޮންމެ ދުވަހަކުހެން އެބަ އާދޭސްކުރެއެވެ. އަލުން ކައިވެނިކުރުމަށެވެ. ނަމަވެސް ދަރިން އެކަމަކަށް ނުރުހެއެވެ. ދަރިންގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ.  

މިއަދުނޫހުގައި ލިޔަމުންގެންދާ ޢިބްރަތްތެރި ޥާހަކަތައް އަޅުގަނޑު ކިޔަމެވެ. މިނޯޓާއިއެކު ޙިއްޞާ މިކުރަނީ އަޅުގަނޑުގެ ދަރިންގެ ބައްޕައަށްވެސް ކަންކަން ދިމާވިގޮތާއި ވަރަށް އެއްގޮތް ޙާދިސާއެއްގެ ވާހަކައެކެވެ.  

އެވާހަކައަކީ:  

މިއީ ހަމަ ދާދިފަހުން މާލޭގައި ހިނގައިދިއަ ކަމެކެވެ. އެއީ އަވަށްޓެރިން ކަމުގައިވާތީ އަޅުގަނޑަށް ވަރަށް ގާތުން އެނގި ޔަޤީންކުރެވޭކަމެކެވެ.  

ފުރަތަމަ ކައިވެނީގައިވެސް ދެމީހުން ދިރިއުޅުނީ ހަމަ އުފަލުގައެވެ. ވަރަށް އެކުގައެވެ. ކައިވެންޏަށް 2 ފިރިހެންދަރިންވެސް ލިބުނެވެ. އެހިސާބުން ފިރިމީހާގެ ސަމާލުކަމަށް އައީ އަވަށްޓެރި ގެއެއްގައި ހުންނަން ރާއްޖެތެރެއިން އައި އަންހެނެކެވެ. އޭނާ ފެނުމުން އަނބިމީހާ ވަރިކޮށްލައި ގެއިން ފޮނުވާލުމަށްފަހު އޭނާ އާއި ކައިވެނިކުރިއެވެ.  

ކައިވެނީގައި 19 އަހަރުވިއެވެ. 2 އަންހެންދަރިންވެސް ލިބުނެވެ. އެ އަންހެން މީހާއަކީ ވަރަށް ތަޤްވާވެރި، ހިތްހެޔޮ ރަނގަޅު އަންހެނެކެވެ. އެހެންކަމުން ދެމަފރިން އުޅެމުން އައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އެކަން ހުރިހާ އަވަށްޓެރިންނަށް ވެސް ފާހަގަކުރެވުނެވެ. 

ކައވެންޏަށް 19 އަހަރުގަ ފިރިމީހާ ބޭނުންވީ 2 އަންތބަށް ކައިވެނިކުރުމަށެވެ. ފުރަތަމަ ކައިވެނިކުރި އަނބިމީހާ އާއިއެވެ. އެކަމަށް އަނބިމީހާ ނުޤަބޫލުވުމުން ރޮއްވާފައި ކައިވެނިކޮށް ގެއަށް ގެނެސް ދެއަނބިން އެއްގޭގައި ގެންގުޅެން ފެށިއެވެ. އެއުމުރުގެ ދެމަފިރިން ފައުޅުގައި އުޅެންވާރަށްވުރެ މާޒުވާން ދިރިއުޅުމެވެ.  

އެކަންކަމަށް ކެތް ނުކުރެވިގެން އެއިރުގެ ދޮށީ އަނބިމީހާ (ފިރިހެން މީހާ ދެވަނައަށް ކައިވެނިކުރި ރާއްޖެތެރޭ އަންހެން މީހާ) ވަރިވެ ގެއިން ނުކުމެގެން ގޮސް ހެޔޮލަފާ ޞާލިޙް ފިރިހެނަކު ލިބުމުން ކައިވެނިކޮށްގެން ދިރިއުޅެން ފެށީއެވެ.   

ކުޑަދުވަސްކޮޅެއްފަހުން އެއްދުވަހެކެވެ. ފިރިމީހާ ޑިޔުޓީގައި އުޅެފައި ތަންކޮޅެއް އަވަހަށް ގެއަށް އާދެވުނު ދުވަހެކެވެ. ގެއަށްވަދެ ކޮޓަރީގެ ދޮރު ހުޅުވައިލުމުން ފެނުނީ އިންސާނަކަށް އެންމެ އަސަރުކުރާނެ މަންޒަރެވެ. އަމިއްލަ އަނބިމީހާ އާއި އަމިއްލަ ދަރިފުޅު އެންމެ ބޮޑު ގުޅުން ހިންގާ މަންޒަރެވެ.  

މަންޒަރުގެ ގޮތުން ލޮލުން ބަލާކަށްވެސް ނުކެރުނެވެ. ކަންކުރި ދެމީހުންގެ ގޮތުން ބަހެއް ބުނާކަށްވެސް ނުކެރުނެވެ. މަދުން މަޑުން ދޮރުލައްޕާފައި ގެއިން ނުކުމެގެން ދިއައީއެވެ. އެހިސާބުން އެކައިވެނިވެސް ނިމުނީއެވެ.  

އަޅުގަނޑަކީވެސް އަންހެނެކެވެ. ދެވަނަ އަނބިމީހާ ހިތްދަތިކަމުގައި ދިރިއުޅުނު ޙާލުވެސްދުށީމެވެ. ގޭގައި ބާކީކޮށްލާފައި ހުރި ދުވަސްތަކުގައި ލޮލުން ފޭބި ކަރުނަތައްވެސް ދުށީމެވެ. ރުއިރުއިންވެސް އަޑުއެހީމެވެ. ގެއިން ނުކުތްދުވަހު ކޮށްފައި ހުރި އަސަރުވެސް ދުށީމެވެ. އަދި 3 ވަނަ ކައިވެނީގައި އެގޮތަށް ކަންކަން މެދުވެރިވުމުން ފިރިމީހާއަށް ކޮށްފައި ހުރި އަސަރާއި ލިބިފައިހުރި ހިތްދަތިކަންވެސް ވަރަށް ގާތުން ދުށީމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ ފިރިހެނުންގެ އަތުގައި ބާރު އޮތުމުން، އަދި އުޅޭނެ އަމިއްލަ ގެދޮރު ހުރުމުން އެއީ ބާބޮޑުބާރުތަކެއް ލިބިފައިވުންކަމަށް ދެކެގެން ނިކަމެތި އަންހެނުން ހިތުގައި ޖައްސާފައި އުފަލުގައި ދިރިއުޅެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އަނިޔާވެރިވެ ހިތްދަތިކަން ދިނުމުން އަނިޔާ ލިބޭ ރޯ ރުއިމުގެ އަޑު ﷲ ތަޢަލާ އައްސަވައިވޮޑިގެންވާކަން ހަނދާންކުރާށެވެ! އޮހޮރާ ކަރުނަ ދެކެ ދެނެވޮޑިގެންވާކަން ޤަބޫލުކުރާށެވެ! ޤަބޫލުކުރިނަމަވެސް ނުކުރިނަމަވެސް އެކަންކަން ތިމާ އާއި އަރައި ހަމަކުރާނެއެވެ.

 

- އުޚުތާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން