"ތިއައީ ވާޖިބެއް ނޫން! ސުންނަތެއް!" ކަމަށްބުނެ ނަމާދު ސުންނަތާ އެއްގޮތަށް ނުކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
"ތިއައީ ވާޖިބެއް ނޫން! ސުންނަތެއް!" ކަމަށްބުނެ ނަމާދު ސުންނަތާ އެއްގޮތަށް ނުކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް!

ނަމާދުގެ ވާހަކަ ޤުރްޢާނުގައި އައިސްފައިވަނީ ވަރަށް މަދު މިންވަރަކަށެވެ. ހުރިހާ ތަފްޞީލުތަކެއް ލިބެން އޮތީ ސުންނަތުންނެވެ. އެކަމުންވެސް އެނގިގެންދަނީ ނަމާދާއި ސުންނަތާއިހުރި ގުޅުމުގެ ބޮޑުކަމެވެ. ނަމާދާއިމެދު އެކި ގޮތްގޮތަށް ވާހަކަ ދައްކަނީ މިކަންކަމަށް ނުވިސްނާ މީހުންނެވެ.  

ﷲ ތަޢާލާ މިއުންމަތަށް 50 ނަމާދު ފަރުޟު ކުރައްވަވައި އަދި 5 ނަމާދަށް މަދުކުރައްވަވައި 5 ނަމާދުގައި 50 ނަމާދުގެ ބަރަކާތް ލެއްވެވީ ރަސޫލް އެންމެ މަތީ އުޑަށް އުފުއްލަވައެވެ. ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނަށް ވެސް ﷲ ތަޢާލާގެ ޙަޟްރަތާއި ކުއްތަންވެ ވަޑައިނުގެންދެވޭހައި މިންވަރަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް އެނިޢްމަތް މިންވަރު ކުރައްވަވައިފައެވެ.  

"އަޅުގަނޑަށް އިޒުނަ ލިބިގެންވާ ހިސާބަށް ވަޑައިގެންނެވުނީއެވެ. ދެން ކަލޭގެފާނު ކުރިއަށް ވަޑައިގަންނަވާށެވެ!" ޖިބްރީލްގެފާނު ވިދާޅުވިކަމަށް ޢިލްމުވެރިން ބަޔާންކުރައްވާ އަޑު އިވެއެވެ.  

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެހިސާބަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އުފުއްލެވި އެއް ސަބަކީ ވެސް ނަމާދު ބާވައިލެއްވެވުމެވެ. ނަމާދަށް ދެއްވެވި މަތިވެރިކަމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

ދެން އޮތީ ނަމާދު ކުރުމެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ނަމާދުކުރަންވީ ގޮތް އުނގަންނަވައި ދެއްވެވީ ޖިބްރީލްގެފާނެވެ. ނަމާދުގައި ކިޔަންވީ ތަކެތި އުނގަންނަވައި ދެއްވެވީ ޖިބްރީލްގެފާނެވެ.   

ނަމާދުކުރަންވީ ގޮތް މީސްތަކުންނަށް އުނގަންނަވައި ދެއްވެވީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެވެ. ޖިބްރީލްގެފާނު ދަސްފުޅުކޮށް ދެއްވެވި ގޮތަށެވެ. ހަނގުރާމައިގެ ވަގުތުގައި ވެސް ބިންމަތީގައި ނަމާދުކުރައްވަވާނަމަ ނަމާދުކުރެއްވެވީ ގައި ކައިރިކޮށެވެ. ކޮނޑާއި ކޮނޑު ޖެހޭނެ ގޮތަށެވެ. ވީމާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރާނަމަ އެމީހެއްގެ ހަށިގަނޑުގެ ފުޅައުމިނަށްވުރެ އިތުރަށް ޖާގަނުހިފާށެވެ! ސުންނަތުގައިވާ ފަދައިން ތިބެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން