ފާޙިޝް ޢަމަލުތައް ނުކުރަންވީ އަނބިމީހާއަށްޓަކައި ނުވަތަ ފިރިމީހާއަށްޓަކައެއްވެސް ނޫން! ތިމާގެ ނަފުސް އަލިފާނުން ސަލާމަތްކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ފާޙިޝް ޢަމަލުތައް ނުކުރަންވީ އަނބިމީހާއަށްޓަކައި ނުވަތަ ފިރިމީހާއަށްޓަކައެއްވެސް ނޫން! ތިމާގެ ނަފުސް އަލިފާނުން ސަލާމަތްކުރަން!

ފާޙިޝް ޢަމަލުތައް ކުރުން ގިނަވެ އެއީ ގިނަބައަކު ކުރާ ކަމަކަށްވެއްޖެއެވެ. ގިނަ ބައަކު ކުށެއް ކުރަން ފަށައިފިނަމަ އަދަބުޑޭން އުނދަގޫވެ އެކަމަށް އަޅައިނުލުމަކީ ދުނިޔޭގެ ސިފައެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ތަފާތެވެ. ކިތަންމެ ގިނަ ބައަކު ފާފައެއް ކުރިނަމަވެސް އެއެންމެންނަށްވެސް ޢަޖާބު ދެއްވަވާނެތެވެ. ދުނިޔޭގެ އެންމެން އެފާފައެއް ކުރިނަމަވެސްމެއެވެ.  

ޒުވާނާއެވެ! ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން އިސްލާމް ދީނުގައި ވަނީ ޙަރާމްކުރައްވަވައިފައެވެ. އެއީ މީސްތަކުންނަށް ފައިދާއަކަށް އޮތް ޙުކުމެއް ކަމަށް ޤަބޫލުކުރަން ހެއްޔެވެ؟  

ޒުވާނާގެ ޖަވާބަކަށްވީ އެއީ ރަނގަޅަކަށް އޮތް ޙުކުމެއް ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.  

ޒުވާނާއެވެ! ތިބާއަކީ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަ ޒުވާނަކީމުއެވެ. ތިބާދެކެ ނުހަނު ލޯބިވާ އަންތބަކު އެބައިނެވެ. ކައިވެނީގައި 2 ދަރިންވެސް ވަނީ ލިބިފައެވެ.  

ތިބާ ހިލޭ އަންހެނުންނާއިއެކު ޖިންސީ ގުޅުން ހިންގާކަން އަނބިމީހާއަށް އެނގިގެން ވަރިވީއެވެ. ކައިވެނީގައި ލިބުނު ހިތިތަޖުރިބާއަށް ބަލައި އަނބިމީހާ ފިރިހެނުންމަތިން ފޫހިވެ ދެވަނަ ކައިވެންޏެއް ނުކުރީއެވެ. 

2 ދަރިން ބޮޑުވީ ތަރުބިއްޔަތެއް ނެތިއެވެ. އެކަކީ ވައްކަންކުރާ ކުއްޖެކެވެ. ދެވަނަ ދަރިފުޅު ބަދަލުވީ މަސްތުވާތަކެތި ބޭނުންކޮށް ޑްރަގް ޑީލްކުރާ ކުއްޖަކަށެވެ. 3 މައިން މުޖުތަމަޢުން ބާކީވީއެވެ.  

ދެން ނިކަން ބުނެބަލާށެވެ! ހިލޭ އަންހެނުންނާއިއެކު ތިބާ ޖިންސީ ގުޅުން ހިންގިކަން އެއީ ރަނގަޅަށް ކުރެވުނު ކަމެއްކަމުގައި ވާނެ ހެއްޔެވެ؟  

ޒުވާނާގެ ޖަވާބަކަށްވީ ނުވާނެއެވެ! އެކަން ކުރެވުނުކަން ވާނީ ހެދުނު ވަރަށް ބޮޑު ގޯހަކަށެވެ.  

ޒުވާނާއެވެ! އިންސާނުން މިއަދު ޝައިޠޯނާގެ ބަހަށް ހެއްލި، ހަވާ ނަފްސަށް ހެއްލި، މަގުފުރެދި، އިންސާނާ އުފެއްދެވި، އިންސާނުންނަށް އެންމެ ފައިދާހުރި ގޮތް ދެނެވޮޑިގެންވާ، ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލުނުކުރަނީއެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުތައް މިއަދު މިދަނީ ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ.  

އަހުރެން މި ބަޔާންކުރީ ވަރަށް ޢާދައިގެ މިޘާލެކެވެ. މައްސަލައިގައި ދައްކަން ހުރި ވާހަކަތައް ވަރަށް ގިނައެވެ. އެހެނަސް ތަފްޞީލުކޮށް ހުރިހާ ވާހަކަތަކެއް ދައްކަން މިބައްދަލުވުމުގެ ވަޤުތު ތަނެއް ނުދެއެވެ. މިއީ މެދުނުކެނޑި އެތައް ގަޑިއިރެއްވަންދެން ވާހަކަ ދައްކަން ޖެހިފައިވާ މައުޟޫއެކެވެ.  

ޒުވާނާއެވެ! އަދި ހުރިހާ ޒުވާނުންނޭވެ! އަޑުއަހާށެވެ! ވިސްނާށެވެ! ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވަނީ ހަމައަހުރެމެންނަށް ފައިދާއަކަށެވެ. ދުނިޔޭގެ އެންމެން ފާޙިޝް ޢަމަލުތައް ކުރިނަމަވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުގެވިޔަސް އުނިކަމެއް އަންނާތީއެއް ނޫނެވެ. އަދި ދުނިޔޭގެ އެންމެން ފާޙިޝް ޢަމަލުތައް ނުކުރިނަމަވެސް ﷲ ތަޢާލާގެ ހަޟްރަތަށް ޛައްރެއްގެ މިންވަރުގެ ވިޔަސް މަންފާއެއް ލިބިވޮޑިގަންނަވާތީއެއްވެސް ނޫނެވެ.  

މީސްތަކުންނޭވެ! ނަރަކައިން މިންޖުވެވި ސުވަރުގެ ވަދެވިއްޖެ ނަމަ އެކަމުގެ ފައިދާކުރާނީ ހަމަ އެމީހަކަށެވެ. ހޭލުންތެރިވެ ދުނިޔެއާއި އާޚިރަތް ލިބިގަންނަން މަސައްކަތްކުރާށެވެ!  

ކައިވެނީގެ ބޭރުން ގުޅުން ހިންގައި ފާޙިޝް ޢަމަލުތައް ނުކުރަންވީ އަނބިމީހާއަށްޓަކައި ނުވަތަ ފިރިމީހާއަށްޓަކައެއްވެސް ނޫނެވެ! ތިމާގެ ނަފުސް އަލިފާނުން ސަލާމަތްކުރުމަށެވެ! އެއީ މަރުވާ ވަޤުތުން ފެށިގެން ނަރަކައިގެ އަލިފާނުން ޢަޛާބު ދެއްވަވާ ބޮޑު ފާފައަކަށްވާތީއެވެ

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން