ބަލިވެއިނުމުން މިމަގުން ޢަމަލުކުރާނަމަ ވިހެއުމާއި ގުޅުންހުރި ހުރިހާ ކަމެއްވެސް ފަސޭހަވެގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ބަލިވެއިނުމުން މިމަގުން ޢަމަލުކުރާނަމަ ވިހެއުމާއި ގުޅުންހުރި ހުރިހާ ކަމެއްވެސް ފަސޭހަވެގެންދާނެ! އިން ޝާ ﷲ

ދަރިން ވިހަނީ މައިންނެވެ. ނަމަވެސް އޭނާ އެވިހަނީ އޭނާގެ އެކަނި ދަރިއެއް ނޫނެވެ! ބައްޕަގެވެސް ދަރިއެކެވެ. އޭނާފަދައިން ފިރިމިހާގެވެސް ޙިއްޞާ އޮތް ދަރިއެކެވެ. އެހެންކަމާއިއެކުގައިވެސް އަނބިން އެކަނި ވިހަން އެބަ ދޫކޮށްލެވެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

ވިހެއުމުގެ ވޭނަކީ ވަރަށް ގަދަފަދަ ވޭނެކެވެ. އެންމެ ތަޤްވާވެރި އަންހެނުން ބުނާ ގޮތުންވެސް ވޭން އަޅަން ފެށުމުން ދުނިޔޭގެ ހުރިހާ ކަމެއްގެ މަތިން ހަނދާނެ ނެތިގެންދާ ވަގުތުކޮޅެއް އައުދެއެވެ. އެއީ ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. އެކަން އެގޮތަށް މެދުވެރިވަނީ އެކަން އެގޮތަށް މެދުވެރިވުމަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާތީއެވެ. ވީމާ އެކަމަށް ބިރުން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ.  

މާބަނޑުވުމުން، ދަރިފުޅު ވިހާ ވަގުތު އަޅާނެ ވޭނާއިމެދު ވިސްނުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެކަން ހިތަށް އަންނަ ކޮންމެ ފަހަރަކު ޛިކްރުކުރާށެވެ! އަސްތަޣްފާރުކުރާށެވެ! ވިހެއުމަކީ ލުއިކަމެއް ކަމުގައި ލައްވަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ހަމަ އެއާއިއެކު ހަމަ އެންމެ ނަމާދެއްވެސް ދޫކޮށް ނުލާށެވެ! ޚާއްޞަ ޙާލަތާއި ގުޅިގެން މަޖުބޫރުވެގެން ނަމާދެއް ދޫވި ނަމަވެސް ފުރުޞަތު ލިބުމުން އަވަހަށް ޤަޟާކުރާށެވެ! ތިމާ ކުރިމަތިލާން މިއުޅެނީ ވަރަށް ވަރުގަދަ "ހަނގުރާމަ"އަކާއިކަން އަބަދުވެސް ހިތުގައި ބާއްވާށެވެ! ޤުރްޢާން ކިޔެވުމާއި ޛިކުރުކުރުން ގިނަކުރާށެވެ! ހަނގުރާމައިގައި ޝަހީދުވި ނަމަވެސް ތިމާގެ އެއްވެސް ދަރަންޏެއް ނުއޮންނަ ވަރަށް ތައްޔާރުވާށެވެ! އިން ޝާ ﷲ އެކަންކަމުގެ ސަބަބުން ވިހެއުމާއި ގުޅުންހުރި ހުރިހާ ކަމެއްގައިވެސް ލުއިފަސޭހަކަން ލިބިގެންދާނެއެވެ!  

ކައިވެނީގައި ލިބޭ އެންމެ ބޮޑު އުފަލަކީ ދަރިން ލިބުމެވެ. އެހެންކަމުން ބަލިވެއިން ކަމުގެ ޚަބަރު ޑޮކްޓަރުން ދިނުން ވެފައި އޮންނަނީ ލިބޭ އެންމެ އުފާވެރި ޚަބަރަށެވެ. ނަމަވެސް ބައެއް ފަހަރު މި އުފާވެރިކަން ބޮޑު ބިރުވެރި ކަމަކަށް ބަދަލުވެގެންދެއެވެ. ބަނޑަށް މަސްތައް ފުރި ބަނޑު ބޮޑުވާން ފެށުމުންނެވެ. ބުރަކަށީގައި ރިއްސަން ފެށުމުންނެވެ.  

އެހިސާބުން ދެން ވިސްނަން ފެށެނީ ވިހެއުމުގެ ކަންކަން ވާނެ ގޮތަކާއިމެދުގައެވެ. ވިހެއުމުގައި އަޅާނެ ގަދަވޭނާއިމެދުގައެވެ. އެ ގަދަ ވޭނަށް ކެތްކުރެވޭނެ ކަމާއިމެދުގައެވެ. މިފަދަ ގޮތްގޮތަށް ވިސްނާ މީހުން ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ސުވާލުކުރާނެ އެއްކަމަކީ އެމީހުންނަށް އަޅާނެ ވޭން ކުޑަކުރެވޭނެ ގޮތަކާއިމެދުގައެވެ.  

ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުންނަކީ  2 ވަނަ ދަރަޖައިގެ ޝަހީދުން ކަމުގައި އޮތުމުން އޮތީ ބިރުގަތުމެއް ނޫނެވެ! އުފާކުރުމެވެ! އެކަމަށް ތައްޔާރުވާންވީއެވެ! ހަނގުރާމައިގެ މައިދާނަށް ނުކުންނަންވީ ﷲ ތަޢާލާ ތިމާއަށް ނަޞްރު ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. ނަޞްރު ދެއްވެވުން އެދި ދުޢާކުރަމުންނެވެ! 

ތަޖުރިބާ ކުރުމުގެ ގޮތުން ނަމަވެސް މިބުނި ގޮތަށް ކަންކަން ކޮށް ވިހެއުމާއި ކުރިމަތިލާން ތައްޔާރުވެގެން ވިހަން މަސައްކަތްކޮށްބަލާށެވެ! ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން