ބޯ ޑައީކޮށް ނިޔފަތީގަ ކުލަ ޖެއްސިޔަސް ގުނަވަނުގަ ފެންޖެއްސޭނެކަމަށް ބުނާ ބުނުމުގެ ހެކި ހޯދިފައެއް ނެތް! ވުޟޫއާ ހިނައިން ޞައްޙަ ނުވެދާނެކަމުގެ ބިރު އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
ބޯ ޑައީކޮށް ނިޔފަތީގަ ކުލަ ޖެއްސިޔަސް ގުނަވަނުގަ ފެންޖެއްސޭނެކަމަށް ބުނާ ބުނުމުގެ ހެކި ހޯދިފައެއް ނެތް! ވުޟޫއާ ހިނައިން ޞައްޙަ ނުވެދާނެކަމުގެ ބިރު އެބައޮތް!

އަޅުގަނޑުގެ އުޚުތަކު އުޅެނީ ބޮލުގެ އިސްތަށިގަނޑުގައާއި ނިޔަފަތީގައި ކުލަޖައްސައިގެންނެވެ. މިޙާލަތުގައި އޭނާގެ ހިނެއުމާއި ވުޟޫ ޞައްޙަވާނެތޯ؟ 

ކިޔުންތެރިޔާ ތިއަކުރެއްވި ސުވާލަކީ ޢިލްމްވެރިންނަށްވެސް ގިނަ ބައަކު ކުރިމަތިކުރާ ސުވާލެކެވެ. ވީމާ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. 

މިހާރަކަށް އައިސް ގިނަ އަދަދެއްގެ އަންހެނުން "ނޭލްޕޮލިޝް" ބޭނުން ކުރަން ބޭނުންވެގެން ސުވާލުތައް ކުރެއެވެ. އެކަން ކުރުމުގައި މައްސަލައަކަށްވަނީ ނިޔަފަތީގައި އެ އުނގުޅުމުން ވުޟޫ ކުރާއިރު އާއި ހިނައިގަންނައިރު ނިޔަފަތީގައި ފެން ނުޖެހޭނެތީއެވެ. ފެން ނުޖެހޭނަމަ ވުޟޫ ވެސް ހިނެއިންވެސް ޞައްޙައެއް ނުވާނެއެވެ. 

ބައެއް ކުންފުނިތަކުން މިހާރު ވަނީ ޙަލާލް "ނޭލް ޕޮލިޝް"ގެ ނަމުގައި ނޭލް ޕޮލިޝް އުފައްދައިފައެވެ. އެ ފަދަ ނޭލް ޕޮލިޝް ބޭނުންކޮށްގެން ހުރި ނަމަވެސް ފެން ޖެހޭނެ ކަމަށް އެ އުފައްދާ ކުންފުނިތަކުން ބުނެއެވެ. ނަމަވެސް އެކަން ޔަޤީންކުރެވިފައެއް ނުވެއެވެ. ޔަޤީންކުރެވިފައި ނުވާކަމަކަށް އިތުބާރުކޮށްގެން ނުވާނެއެވެ. އެކަމެއްގައި އެއްވެސް މިންވަރަކަށް ޝައްކު ހިމެނޭ އެއްވެސް ކަމެއް ކުރުމެއް ނެތެވެ. އަހަރެމެން ތިބެން ޖެހޭނީ ޝައްކު ހިމެނޭ އެންމެހައި ކަންކަމުން ދުރުހެލިވެއެވެ. 

އެއްވެސް ޔަޤީންކަމެއް ނެތް ކަމެއް ކޮށްގެން ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ކަނޑައިލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ވުޟޫ ނުކުރެވޭނަމަ، ހިނައި ނުގަނެވޭނަމަ އެމީހަކު ނަމާދުކުރާނީ ކިހިނަކުން ހެއްޔެވެ؟ ނަމާދު ނުކުރާނަމަ އެމީހަކާއި ﷲ ތަޢާލާ އާއި އޮންނާނީ ކޮން ގުޅުމެއް ހެއްޔެވެ؟ އެމީހަކީ މުސްލިމަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ 

އަދިވެސް ސުވާލެއް އެބައޮތެވެ. އެއީ ވުޟޫ ނުކުރެވިގެންނާއި ހިނައި ނުގަނެވިގެން ތިމާ އާއި ﷲ ތަޢާލާ އާއި އޮނަންޖެހޭ ގުޅުން ކެނޑިގެން ހިނގައިދާނެ ކަމުގެ ބިރު އޮތްއިރުވެސް ނިޔަފަތީގެ ބައެއްގައި ކުލައެއް ކޭތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކީ ހެއްޔެވެ؟ ނިޔަފަތީގެ ބައެއްގައި ކުލައެއް ޖެއްސުމަކީ ނިޔަފަތިވެސް ހިމެނޭ ގޮތަށް ތިމާއަށް ހުރިހާ ގުނަވަންތައް ދެއްވެވި ﷲ ތަޢާލާ އާއި ގުޅުން ކެނޑިދާނެ ކަމުގެ ބިރު އޮތްކަމަކަށްވާއިރުވެސް ކޮންމެހެން ކުރަންޖެހޭ ކަމަކަށް ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެވަރުގެ ކަމެއް ނުކޮށް ދޫކޮށްލުމުން ލިބެނީ ކޮން އުނިކަމެއް ހެއްޔެވެ؟ 

އަހަރެންގެ ބަހަކީ ޙަލާލް ކީ ނަމަވެސް ނުކީ ނަމަވެސް އެއްވެސް ނޭލް ޕޮލިޝްއެއް އުނގުޅައިގެން ވުޟޫ ނުކުރުމެވެ. ހިނައި ނުގަތުމެވެ. އެހެނީ ޤިޔާމަތް ދުވަހު ސުވާލު ކުރެވޭ ހިނދު ނޭލް ޕޮލިޝް އުފެއްދި ކުންފުނި ކުށްވެރިކޮށްގެން ސަލާމަތެއް ނުވެވޭނެއެވެ. ކުންފުނިން ހަލާލުކަމަށް ބުނި ކަމުގެ ބަހަނާއެއް ނުދެއްކޭނެއެވެ. އެހިސާބަށް ކަންތައްތައް ދާއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. 

ހަމައެކަނި ނިޔަފަތީގައި ޖައްސާ ކުލައެއް ނޫނެވެ. ބައެއް ފިރިހެނުންވެސް އަންހެނުންވެސް  ބޮލުގެ އިސްތަށީގައި ލާ ޑައީ އަކީވެސް މިފަދަ އެއްޗެކެވެ. އެއިގެ ސަބަބުން އިސްތަށީގައި ފެން ނުޖެހޭނަމަ ހިނެއިން ޞައްޙައެއް ނުވާނެވެ. ވުޟޫ ވެސް ޞައްޙައެއް ނުވާނެއެވެ.  

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދު ކޮށްފިނަމަ) ފަހެ، ތިއަބައިމީހުންގެ މޫނުތަކާއި، ތިއަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ! އަދި ތިއަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިއަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމައަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިއަބައިމީހުން ވެއްޖެނަމަ، ފަހެ، ތިއަބައިމީހުން ޠާހިރު ވެގަންނާށެވެ! އަދި ތިއަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިއަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރު ވެލީން ތިއަބައިމީހުން ތަޔައްމަމްކުރާށެވެ! ފަހެ، ތިއަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިއަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިއަބައިމީހުން ޠާހިރު ކުރެއްވުމަށާއި، ތިއަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވެވުމަށެވެ. (އެއީ) ތިއަބައިމީހުން ޝުކުރު ކުޅައުމަށްޓަކައެވެ." (އަލްމާއިދާ: 6) 

ދެން ނިކަން ބުނެބަލާށެވެ! ނިޔަފަތީގައި ކުލަ ޖެއްސުމާއި ބޯ ޑައީކުރުމަކީ އިސްލާމް ދީނަށްވުރެ މުހިންމު ކަމަކަށް ތިއަ ހަދަނީ ކީއްވެގެން ހެއްޔެވެ؟ ނިޔަފަތީގައި ކުލަ ޖެއްސުމާއި ބޯ ޑައީކުރުން ނަމާދު ނުކުރެވުމާއި ގުޅިފައިވުމުން އެ ދެކަންތައްވެސް އެވަނީ ތިމާ އިސްލާމް ދީނުގައި ސާބިތުވެ ހުރުމާއި ގުޅިފައެވެ. ވީމާ މިކަންކަން ދެނެގަނެ އަމަލުތައް އިޞްލާޙްކުރުމަށް ގަދައަޅައި ނަޞޭޙަތްތެރިވަމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން