ޒަމާން ފަސްވަމުން އަންނަ ވަރަކަށް އިތުރުވަމުން އައި ނަމަވެސް އެންމެ ކުރިންސުރެ ޢިލްމުވެރިންނާއި އެންމެ ގިނައިން ސުވާލުކުރެވޭ ކަންކަމުގެ ތެރޭގައި ފަހުޒަމާނުގެ ޢަލާމާތަތްކުގެ ވާހަކަތަކާއި ޤިޔާމަތްވުމުގެ ކަންކަން ހިމެނެއެވެ.
ރަނގަޅަށް ވިސްނައިފިނަމަ މިދެއްކެނީ ކުޑަކަމެއްގެ ވާހަކައެއް ނޫނެވެ. އެކަން އެނގެނީ އެކަމާއިބެހޭ ގޮތުން ޖިބްރީލްގެފާނު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރެއްވެވީތީއެވެ. ޞަޙާބީންވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރެއްވެވީތީއެވެ.
ހަމައެއާއިއެކު މިހާރުވެސް ގިނަ ބައަކު އެންމެ ގިނައިން އަޑުއަހަން ސަމާލުކަންދޭ ދަރުސްތަކުގެ ތެރޭގައި އެކަންކަމުގެ ވާހަކަ ދެކެވޭ ދަރުސްތައް ހިމެނެއެވެ. އަދި ކީއްހެއްޔެވެ؟ ޤިޔާމަތްވުމުގެ ވާހަކަ ދައްކާ ދަރުސެއް އަޑުއަހަން ތިބޭ މީހުންގެ ތެރޭގައި ފޫހިވެ ތާއްޔާއިޖެހިފައި ތިބޭ މީހުންނެއްވެސް ނުތިބެއެވެ. އެކަމުން އެނގެނީ އެންމެންވެސް ސަމާލުކަންދީގެން އެވާހަކަތައް އަޑުއަހާކަމެވެ.
ސުވާލަކީ މައުލޫމާތު އޮޅުންފިލުމުން ތިމާގެ ހިތަށް ބިރުވެރިކަން ވެދޭހެއްޔެވެ؟ ފާފަކުރުމާއި ދުރުހެލިވެ ހެޔޮ ޢަމަލުކުރުން އިތުރުވޭހެއްޔެވެ؟ މަސައްކަތްކުރަންވީ ބިރުގަންނަކަން ޢަމަލުތަކުން ދެއްކުމަށެވެ. ފައިދާކުރާނީ އެއިރުންނެވެ.
ކޮންމެ މުސްލިމަކުވެސް ޤިޔާމަތްވުމާއިމެދު ކަންބޮޑުވެއެވެ. ދުނިޔެ ނިމިގެންދާނެ ގޮތާއި ޤިޔާމަތް ދުވަހު ކަންކަން ހިނގައިދާނެ ގޮތުގެ މައުލޫމާތު އޮޅުންފިލުވައެވެ. އެއީ ކުރަން ހަމަ ވަރަށް ރަނގަޅު ކަންކަމެވެ. އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހާއިމެދު ހިތުގައި ބިރުވެރިކަން އުފެދޭނެތީއެވެ. ތަޤްވާވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ހިތްވަރު އިތުރުވާނެތީއެވެ. މަރު ހަނދާންވުން ގިނަވާނެތީއެވެ!
ބައެއް މީހުން މައުލޫމާތު ހޯދަންވެގެން ޟަޢީފް ޙަދީޘްފުޅުތައް ވެސް ބަލައެވެ. އެއީ ކުރަން ބޭނުން ކަމެއް ނޫނެވެ. ކީރިތި ޤުރްއާނާއި ފެންނަންހުރި ޞަހީޙް ޙަދީޘްފުޅުތަކުން ފުއްދައިލާށެވެ. އެވަރުން ފުދޭނެއެވެ. ވީމާ ވަގުތު ބޭކާރުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
އެއްކުރާ މައުލޫމާތުގެ މައްޗަށް އަމަލުކުރަން ޖެހޭނެއެވެ. އެންމެ މުހިންމީ އެއްކުރާ މައުލޫމާތުގެ މައްޗަށް އަމަލުކުރުމެވެ. އެއް ދުވަހަކު ރަސޫލް (ﷺ) އަރިއަހަށް މީހަކު ގޮސް ޤިޔާމަތް ވާނު ވަގުތަކާއިބެހޭ ގޮތުން ސުވާލު ދެންނެވިއެވެ. ސީދާ އެވަގުތު އެނގިވަޑައި ނުގެންނެވި ނަމަވެސް ވަރަށް ގިނަ ކަންކަން އެނގިވަޑައި ހުންނަވައިމެ އޭނާއަށް އެކަމުގެ ތަފްޞީލް ދެއްވެވުމުގެ ބަދަލުގައި ކުރެއްވެވީ ވަރަށް ކުރު ސުވާލެކެވެ. "އެދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން ކަމެއް؟" ތޯއެވެ.
މިކަމުންވެސް އެނގިގެންދަނީ ޤިޔާމަތްވާނެ ވަގުތު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި އިސްކަންދޭންވީ އެދުވަހަށް ތައްޔާރުވުން ކަމެވެ. އޮތީ ވީހައި ގިނަ ހެޔޮ އަމަލުކުރަން މަސައްކަތްކުރުން ކަމެވެ.
- ޝައިޚް ޢުމަރު އަލްބަނާގެ ދަރުސަކުން