އެއިރު ދެމަފރިންގެ ކައިވެންޏަށް 7 އަހަރެވެ. 2 އަހަރުގެ ކުއްޖަކާއި 5 އަހަރުގެ ކުއްޖެއް ތިއްބެވެ. ފިރިމީހާ އެއްދުވަހު ހަވީރު ގެއަށް އައީ އޭނާއާއިއެކު އޮފީހުގައި ަމސައްކަތްކުރާ އަންހެނަކު ގޮވައިގެނެވެ.
އައިސް ބުނީ ދެމީހުން މާދަމާރޭ ކައިވެނިކުރާނެ ކަމަށާއި ދެވަނަ އަނބިމީހާވެސް އިންނާނީ އެގޭގައި ކަމަށެވެ. ނުރުހޭނަމަ ވަރިވެގެން ދިއުމަށެވެ. ބޭނުންނަމަ 2 ދަރިން ގޮވައިގެންވެސް ދެވިދާނެ ކަމަށެވެ. އަނބިމީހާ އިޚްތިޔާރުކުރީ ވަރިވެގެން ދިއުމަށެވެ.
އެހައި ރަނގަޅަށް ކަންތައްކޮށްދިނީމާވެސް ޝުކުރުވެރިވުމުގެ ބަދަލުގައި ކުރީ ފުރައްސާރައެވެ. "ހިތުން ވަރިވެގެން ތިއަދަނީ އިންނާނެ މާ ރަނގަޅު މީހަކު ލިބޭނެ ކަމަށްތާއެވެ! ތިއަ ލިބޭ މީހާއާއިއެކު ދިރިއުޅޭ އުފާވެރިކަންވެސް ފެންނާނެތާއެވެ!" ޖަވާބުގައި އަނބިމީހާ ބުންޏެވެ. "ދެންވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ. އަހުރެން މިދަނީ ދެމީހުންގެ ނޯކަރަކަށްވެގެން އިނަސް ކުރާނެ ޖެއްސުމުން ސަލާމަތްވެވޭތޯއެވެ! ދެމަފިރިން ކުޅޭ ޑްރާމާތައް ބަލަން ދެމަފިރިންގެ އަޅަކަށްވެގެން ނުއިންނާށެވެ!"
ގެއިން ނުކުތް ދުވަހު ކުރި ފުރައްސާރަވީ އެސްފީނާއަކަށް ނޫނެވެ. ލެއްވެވި ރަޙްމަތަކަށެވެ. ވަރިވިތާ 5 ވަނަ މަހު ދެވަނަ ކައިވެނިކުރެވުނެވެ. ކައިވެނިކުރުމަށްފަހު ދެކުދިންނާއިއެކު ބެއިންދީ މެލޭސިޔާގައެވެ. އެހެންވެ ގިނަބައަކަށް އޮތީ ދެވަނަ ކައިވެނީގެ ކަންތައް ނުއެނގިފައެވެ. އިޝްތިހާރުކޮށް ސޯޝަލްމީޑިއާގައި ނުލިޔާތީއެވެ.
ކައިވެންޏަށް 3 އަހަރުވީތަނާ ފިރިމީހާގެ އޮފީހެއް ދުބާއީގައި ހުޅުވަންވެގެން ދުވަސްކޮޅަކަށް ދުބާއީގައި ހުންނަން ދާން ނިންމައި އަނބިމީހާ މާލެ ގެނައި ދުވަހެވެ. އެއީ އަނބިމީހާވެސް ގޮވައިގެންދާންބޭނުންވެގެންނެވެ. ހަވީރު ޢަޞްރު ނަމާދުކުރިތަނާހެން ފިރިމީހާ ގުޅާފައި އޮފީހަށް އަންނަން ބުނުމުން ދިއައެވެ.
ދިއަތަނުން ބައްދަލުވީ ކުރީގެ ފިރިމީހާއާއި އޭނާގެ އަނބިމީހާ އާއިއެވެ. ނުފެންނަ ކަމަށް ހަދާފައި ހިނގައި ގަތުމުން ބުންޏެވެ. "ތިއައައީ ބަލިވެ އިނދެ ޚަރަދުތައް ބޮޑުވީމާ ބަހަނާއެއް ދައްކައިގެން ވެރިމީހާގެ ގާތުން އެހީއަކަށް އެދެންދޯއެވެ!" ޖަވާބުނުދީ ހިނގައި ގަތުމުން ދެމީހުންނަކަށް ކެތެއް ނުކުރެވުނެވެ. ފަހަތުން ގޮސް ވެރިމީހާގެ ކޮޓަރިއަށް ވަނީ އެހީދޭތަން ލޮލުން ދެކެލުމަށެވެ.
ވަންއިރު ވެރިމީހާގެ ގޮނޑީގައި އިނީ އޭނާއެވެ. ވެރިމީހާ އޭނާގެ ކޮންޕިޔުޓަރު ހުޅުވައިގެން އޭނާގެ އަނބިމީހާއަށް އެއްޗެތިތަކެއް ދައްކައި ކިޔައިދެނީއެވެ. މިވާ ގޮތެއް ނުއެނގި ސިހުމެއް ލިބުމުން ތިއައައީ ކީއްކުރަންތޯ ސުވާލުކުރީ ވެރިމީހާއެވެ. ދޭނެ ޖަވާބެއް ނުއެނގި ނުކުންނަން އުޅުމުން އޭނާ ބުންޏެވެ. "އެއައީ ރިސިޕްޝަނުން މިހެން ބުނެފައި އަހުރެން ސަލާންޖަހާތަން ލޮލުން ދެކޭށެވެ! ވަރިކުރުމުންވެސް މިހެން ބުންޏެވެ. މިއިން އެއްވެސް ވާހަކައެއް ކުރިން ކިޔައި ނުދިނީ ފިރިމީހާގެ ވާހަކަ ދައްކަން ބޭނުން ނުވީތީއެވެ. އެކަމަކު ފަހަތުން ހިނގައި މަޖުބޫރުކުރުވީމާ މިކިޔައިދިނީއެވެ."
ވެރިމީހާ ބުންޏެވެ. "އަހުރެން ކަލޭ ވަޒީފާގައި މިގެންގުޅުނީ ވަކިކުރިނަމަ ބަދަލުހިފުންކަމަށްވެދާނެތީއެވެ. އެކަމަކު ތިއަވަރުގެ ޚަޞީލަތް ނުބައި ބައަކު ވަޒީފާގައި ގެންގުޅެން ފަސޭހައެއް ނޫނެވެ. ވަކިވާން ސިޓީލާށެވެ! ރެކޯޑް ރީތިވާނީ އެއިރުންނެވެ. އަހުރެން އަނބިމީހާ ގޮވައިގެން މިދަނީ ދުވަސްކޮޅަކަށެވެ. ވިހަންވެފައި އިނީމައެވެ. ވިހާގަދަވެގެން އައިސް މިއޮފީސް ދެން ހިންގާނީ އަނބިމީހާއެވެ. މެލޭސިޔާގައި މިބެއިންދީ އެފެންވަރަށް އަނބިމިހާއަށް ކިޔަވައިދޭށެވެ! އަހުރެން ގިނައިން ހުންނާނީ ދުބާއީގައެވެ. ތިއަ ސިފަހުރި 2 މީހުން ގޮވައިގެން މަސައްކަތްކުރާކަށް އަނބިމީހާއަކަށް ފަސޭހައެއް ނުވާނެއެވެ." އެދެމަފިރިން އޮފީހުން ނުކުތީ ދެރަވެ އިސްދަށަށް ޖަހައިގެން ތިބެއެވެ.
އަހުރެންގެ އެކުވެރިއަކާއިމެދު ކަންކަން ހިނގައިދިއަ ގޮތުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ހަމަ އެންމެ ބޭނުމަކުއެވެ. ތިމާގެ އުފަލަށްޓަކައި ކުށެއްނެތް އަނބިން ދެރަކޮށް ނިކަމެތިކުރާ ފިރިންނަށް ފިލާވަޅަކަށެވެ. ހިތުން ވަރިކޮށް ގެއިން ނެރެލީ ދެރަކޮށް ނިކަމެތިކުރާށެވެ! ނެރެލުމުން ގޮސް އެވަދެވުނީ އުފާވެރި ރަންދުނިޔެއަކަށެވެ. ވީމާ އަނެކާއަށް ލައްވަވާނެ ރަޙްމަތް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ.
- ޖަމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ