އެކުވެރިންނަށް ޓެގްކޮށް އަދި ނުކޮށްވެސް ތިބާ ދިރިއުޅެނީ ހިތްހަމަޖެހުމާ އުފަލުގަކަން ދުނިޔެއަށް ހާމަކުރަމުން ތިއަ ގެންދަނީ އެކަން އެނގި އެސްފީނާ ނުލާނެކަން ޔަޤީންވާތީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
އެކުވެރިންނަށް ޓެގްކޮށް އަދި ނުކޮށްވެސް ތިބާ ދިރިއުޅެނީ ހިތްހަމަޖެހުމާ އުފަލުގަކަން ދުނިޔެއަށް ހާމަކުރަމުން ތިއަ ގެންދަނީ އެކަން އެނގި އެސްފީނާ ނުލާނެކަން ޔަޤީންވާތީތަ؟

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައަކަށް މިއުޅެނީ ހަސަދަ އާއި އެސްފީނާއިން ސަލާމަތް ނުވެވިގެންނެވެ. އެކަމަށް ކަންބޮޑުވަމުންވެސް ގިނަ ބައަކަށް ކުރެވެނީ އެހެން މީހުންގެ ފަރާތުން ޙަސަދައާއި އެސްފީނާގެ އުނދަގޫތައް ކުރިމަތިވާނެ ކަންކަމެވެ. އެހެންވެ މަސައްކަތް މިކުރަނީ ތިއަހެދޭ ބޮޑު ގޯސް ހެދުން ހަމަ މިވަޤުތުން ފެށިގެން ހުއްޓާލަން ބުނުމަށެވެ.  

ޒަވާޖީ ޙަޔާތެއް ފަށައިގަނެވުމުންވެސް އަދި ޒަވާޖީ ޙަޔާތުގައި އުފާވެރިކަން ލިބޭނަމަވެސް އެކަން ސޯޝަލް މީޑިއާގައި ހާމަކުރަން ގިނަ ބައަކު އަވަސްވެގަނެއެވެ. އެއިގެ ކުރިން ލޯބިވެރިއަކު ލިބުނަސް މެއެވެ. އެއީ އެހެން މީހުންވެސް އެކަން ކުރާތީ ތިމާވެސް ދިރިއުޅެމުން އަނަންނީ އުފަލުގައިކަން އެންގުމަށެވެ.  

ކެރިހުރެގެން ގުނަމެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެފަދަ ކަންކަން ހާމަކުރެވޭ ކޮންމެ ފަހަރަކުވެސް ޙަސަދަވެރިވާނެ ބައަކު އުޅޭނެއެވެ. އެކަމުގެ އަސަރު ތިބާގެ ދިރިއުޅުމަށް ކުރާނެއެވެ. އެކިފަހަރު އެކި މިންވަރަށެވެ. އެކިފަހަރު އެކި ގޮތަކަށެވެ.  

ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމާއި ލޯބިވާ މިންވަރު އެއީ އެއްވެސް އިތުރު މީހަކަށް އަންގަން ޖެހޭނެ ކަންކަމެއް ނޫނެވެ. އެކަންކަން ޖެހޭނީ ސިއްރުކުރާށެވެ. ސިއްރު ނުކުރެވިއްޖެނަމަ ބޮޑެތި ހިތާމަތައް ކުރިމަތިވުން އޮންނާނީ ދާދި ގާތުގައެވެ.  

އެންމެ ކާމިޔާބު ދެމަފިރިންތަކަށް ބަލާށެވެ! އެމީހުންނަކީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހާމަކުރާ ބައެއް ނޫނެވެ. އަދި އެންމެ ކާމިޔާބު ދެމަފިރިންނަށް ވެވިފައިވަނީވެސް އެމީހުންގެ ޙަޔާތުގެ ކަންކަން ސިއްރުކުރާ ދެމަފިރިންނަށެވެ.  

ﷲ ތަޢާލާއަށް ކުރާ އަޅުކަމާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން އެއްގޮތަކަށްވެސް ހާމަނުކުރާށެވެ. ދުނިޔޭގައި ގިނައީ މައްސަލަތައް ޖެހި ހިތްދަތިކަމުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. އަދި ކައިވެނި ރޫޅިފައިވާ މީހުންވެސް އެހައި ގިނައެވެ. ވީމާ ގިނަވާނީ އެއީ ކިތަންމެ ބޮޑު ފާފައެއް ނަމަވެސް އެހެން ބައަކު އުފަލުގައި އުޅޭތަން ދެކެން ބޭނުން ނުވާ މީހުންކަން ދަންނަންވާނެއެވެ.  

ނިކަން ބުނެބަލާށެވެ! ގިނައީ ތަނަވަސްކަން ލިބުނީމާވެސް އެހެން މީހުންނަށް ލިބޭ ތަނަވަސްކަމަށް ޙަސަދަވެރިވާ މީހުން ނޫންހެއްޔެވެ؟ ނުހަނު ހެޔޮލަފާ، ރީތި ބައިވެރިއަކު ލިބުމުންވެސް އެހެން މީހަކަށް ބައިވެރިއަކު ލިބެން ނުއެދޭ މީހުންނެއް ނޫން ހެއްޔެވެ؟ އެކަން އެނގި ޤަބޫލުކުޜާއިރުވެސް ތިއަ ގޮތަށް ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟  

ރަނގަޅަށް ވިސްނާށެވެ! ހޭލުންތެރިކަމާ ރަނގަޅު ގޮތް ތިބާގެ ފަހަތުން އަންނާނީ އެކަންކަން ލިބިގަންނަން ތިބާ މަސައްކަތްކުރީމައެވެ! ވީމާ ފުރަތަމަ ކަމަކަށް އޮތީ ތިބާ ހޭލުންތެރިވުމެވެ.

 

- އަލަފް

މިއަދު އޮންލައިން