ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އެހެން މީހުންނަށް ކަޅިއަޅައި ފަހަތުންދުވަނީ ކީއްވެ؟
މިސުވާލަށް ޖަވާބުދޭން ދެއްކިދާނެ ވަރަށް ގިނަ ވާހަކަ ނުވަތަ ޖަވާބު އެބަހުއްޓެވެ. ނަމަވެސް މި ޖަވާބުގައި ފާހަގަމިކުރަނީ އެންމެ ބޮޑަށް ނުވަތަ އެންމެ ގިނަބައަކަށް ކުރިމަތިވާ މައްސަލައެވެ. އެއީ ލިބިފައިވާ ބައިވެރިޔާ ގެއްލިޑާނެކަމާ ގެއްލިއްޖެނަމަ ލިބޭނެ ދެރައާއިމެދު ވިސްނައިނުލެވޭ ކަމެވެ.
ވިދާޅުވެލައްވާށެވެ!
ހަރުބަހެއްގައި ވެއެވެ. "ތިބާގެ އަތަށް ހަނދުލިބުމުން ހަނދަށް ދޭންޖެހޭ ސަމާލުކަން ކުޑަކޮށްލައި އުޑުގައި ހުރި ތަރިތައް ގުނަންވެގެން މުށް ހުޅުވައި އިނގިލި ދިއްކުރަން ހަދައިގެން، އަތުގައި އޮތް ހަނދު ގެއްލިގެންދިއަ ނުދޭށެވެ! އެއިރުން ތިބާވާނީ އެންމެ ބޮޑު މޮޔައަކު ކަމުގައެވެ. އަދި މުޅި ޢުމުރަށްވެސް އެކަމުގެ ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ."
މިބަސް އެނގުމުން ވަރަށް ބޮޑަށް ވިސްނީމެވެ. އެކަމަކުވެސް ހިތްހަމަޖެހޭވަރުގެ މާނައެއް ނުވިސްނުމުން ތަޖުރިބާކާރު މުސްކުޅިއަކާއި މަޝްވަރާކޮށްލުމުން އޭނާ ކިޔައިދިނެވެ.
"ދަރިފުޅާއެވެ! އެބުނަނީ ތިބާ ދެކެ ލޯބިވާ، އަޅައިލާ، ވަފާތެރި އަންތބަކު ނުވަތަ ފިރިއަކު ލިބުމުން އޭނާއަށް ސަމާލުކަން ނުދީ މަގުމަތިން ނުވަތަ އެހެން ތަނަކުން ނަމަވެސް ފެންނަހައި މީހުންގެ ފަހަތުން ދުވަން ފަށައިފިނަމަ ލިބިފައިވާ އެރަނގަޅު ބައިވެރިޔާ ގެއްލިދާނެއެވެ. އެއިރުން ތިބާވާނީ ދުނިޔޭގެ އެންމެ ބޮޑެތި މޮޔައިންގެ ތެރޭގައި ހިމެނޭ މީހަކަށެވެ. އަދި އެކަމަށްޓަކައި މުޅި ޢުމުރުގައިވެސް ހިތާމަކުރަންޖެހޭނެއެވެ."
ވަގުތުން އެބަހަށް ހާސްފަށުން ތަޢްރީފްކުރީމެވެ! އެބުނަނީ މީހަކަށް ބުނެވޭނެ އެންމެ ތެދުބަސްކަމުގައިވާތީއެވެ. އެހިސާބުން މުސްކުޅިޔާއަށް ހަދިޔާއެއް ދީފައި ބާރަށް ދުއްވާފައި ދިއައީ ގެއަށެވެ. އަނބިމީހާ ގާތު ބުނީމެވެ. އަހުރެންގެ ލޮލަށް އެއްވެސް އެހެން އަންހެނަކު ނުފެންނާނެ ގޮތް ހަދައިދޭށެވެ.
އެހެންބުނުމުން އަނބިމީހާއަށް ސިހުމެއް ލިބި ވެގެން އުޅޭ ގޮތާއިބެހޭ ގޮތުން ސުވާލުކުރީމާ ކިޔައިދިނީމެވެ. އަދި ދުވަހަކުވެސް އަނބިމީހާ ގެއްލެން ބޭނުން ނޫންކަމަށްވެސް ބުނީމެވެ.
ކޮންމެއަކަސް އެއިގެ ފަހަކުން އެއްވެސް ހިލޭ އަންހެނަކަށް އެފަދަ ވިސްނުމެއްގައި ނުވެސް ބަލަމެވެ. ބަލައިލަން އުޅެވުނަސް ހިތަށް އަރަނީ ލިބިފައިވާ ހަނދު އަތުން ގެއލިދާނެ ކަމަށެވެ.
ހިލޭ އަންހެނުންނަށް ބަލައި ފަހަތުން ދުވެވޭ ފިރިހެނުންނަށް މި ބަހުގައި ބޮޑު ބުރަދަނެއްވާ ފަދައިން ހިލޭ ފިރިހެނުންނަށް ބަލައި ފަހަތުން ދުވާ އަންހެނުންނަށްވެސް މިބަހުގައި ހަމައެފަދަ ބޮޑު ބުރަދަނެއްވެއެވެ. ޢިބްރަތް ޙާޞިލުކޮށް ކައިވެނިތައް ސަލާމަތްކުރަމާ ހިނގާށެވެ!
- ޢަލީ ފަޔާޟް / މިއަދުނޫހުގެ ކިޔުންތެރިއެއް