އެއްވެސް ފާފައެއް ނުކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އިންސާނުންކަމުގައި ވީތީ އަހުރެމެން ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެއެވެ. ފާފައެއް ކުރެވިއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރިގަންނަން އަވަސްވެގަންނާށެވެ. މާނައަކީ ކުރެވުނު ފާފަ ފުއްސަވައިދެއްވެވުން އެދި ދަންނަވަން އަވަސްވެގަންނާށެވެ!
ދަންނަވާށެވެ!
"ޔާ ﷲ! އިނބަ ﷲ ހުއްދަކުރެއްވެވި ކަންކަމާއި ޙަލާލް ކުރެއްވެވި ކަންކަން އިނބަ ﷲ ގެ ވާގިފުޅާއިއެކު މިއަޅާއަށްވެސް އެނގެއެވެ. އެހެނަސް މިއަޅާގެ ކިބައިގައި ހުރި ބަލިކަށިކަން ބޮޑުކަމުން ފާފަކުރެވުނީއެވެ. އެއީ އެއްވެސް ޙާލެއްގައި އިނބަ ﷲ ގެ ޙުކުމްފުޅަކަށް ގޮންޖަހާކަށް އަދި ފުރަގަސްދޭކަށްވެސް ނޫނެވެ. ހަމަ މިއަޅާގެ ކިބައިގައި ހުރި ނިކަމެތިކަމުންނާއި ބަލިކަށިކަން ބޮޑުކަމުންނެވެ.
ޔާ ﷲ! މިއަޅާއަށް ކުރެވުނު ފާފަ ފުއްސަވައި ދެއްވަވާނދޭވެ! އަދި މިއަޅާއަށް ނުއެނގި ކުރެވޭ ފާފަތައްވެސް ފުއްސަވައި ދެއްވަވާނދޭވެ! އިނބަ ﷲ އީ އަޅުތަކުންގެ ފާފަތައް ގިނަގިނައިން ފުއްސަވައިދެއްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ."
އެއަސްފަހު ފާފައެއް ނުކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތްކުރަމުން ގެންދާށެވެ. އެގޮތަށް ގެންދަނިކޮށްވެސް ފާފައެއް ކުރެވިއްޖެނަމަ އަނެއްކާވެސް އަވަހަށް ތައުބާވެ މިބުނި ފަދަ ޢިބާރާތަކުން ދަންނަވާށެވެ. ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން